ރާއްޖޭގައި އަލަށް ބާއްވާ ޒުވާން ޚަތީބުންގެ ޤައުމީ މަހާސިންތާ މިއަދު އިސްލާމީ މަރުކަޒުގައި ފަށައިފިއެވެ. ރާއްޖޭގެ އެކި ހިސާބުތަކުން 300 އެއްހާ ޒުވާން ޚަތީބުން ބައިވެރިވާ މި މަހާސިންތާ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި މަހާސިންތާއަކީ ދިވެހިރާއްޖެ އިސްލާމީ ހިދާޔަތުގައި 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، ޒުވާން ޖީލުގެ ތެރޭގައި އިސްލާމީ ޝިޢާރު ފާޅުކުރުމަށް ޒުވާން ޚަތީބުންނަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ބާއްވާ ޚާއްޞަ ހަރަކާތެކެވެ. މިއަދު ކުރިއަށްދާ ސެޝަންތަކުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިން ނަންގަވައިދެއްވާ އެކިއެކި ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ. އެގޮތުން އަލިއަޅުވާލެވޭ މައިގަނޑު މަޢުޟޫޢުތަކުގެ ތެރޭގައި ”އިމާމުން“ އަދި ”މުޖުތަމަޢު ބިނާކުރުން“ ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ދީނާއި ޤައުމިއްޔަތު ދިރުވައި ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމެވެ. އަދި އެ ރޮނގުން ޒުވާނުންނަށް ހިތްވަރު ދިނުމުގައި ސަރުކާރުން އެންމެ މަތީ ފެންވަރުގައި ދެމިއޮންނާނެކަން ކަށަވަރުކޮށްދިނުމާއި، ޒުވާން ޚަތީބުން އެއްތަންވެ ތަޖުރިބާއާއި ހުނަރު ބަދަލުކޮށް، ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މީގެއިތުރުން މުޖުތަމަޢަށް ޚިދުމަތްކުރުމުގައި މި މަޝްރޫޢުގެ މުސްތަޤުބަލާ މެދު މަޝްވަރާކުރާނެ ޤައުމީ މަންސައެއް ޤާއިމުކުރުމަކީވެސް މީގެ ބޭނުމެކެވެ.
ޒުވާން ޚަތީބުން ތަމްރީނު ކުރުމަށްޓަކައި 2024 ވަނަ އަހަރު ފެށި މި ކާމިޔާބު ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 712 ޒުވާން ޚަތީބުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާ ނިންމުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭގައެވެ. އަދި މި ޚާއްޞަ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.





