ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގައި ފެންބޮޑުވެ ލިންކް ރޯޑުގެ ހާލަތު ނުރައްކާތެރި މިންވަރަކަށް ގޯސްވުމާ ގުޅިގެން، ޒަރޫރީ ބޭނުންތަކަށް ނޫނީ އެ މަގު ބޭނުން ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު އިލްތިމާސްކޮށްފިއެވެ.
ރާއްޖެއަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، މީގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އައްޑޫ ސިޓީއަށެވެ. އެގޮތުން ވިއްސާރައިގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ގިނަ ގެތަކަކަށް ފެންވަދެ، އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެން ވަދެ ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ހެނދުނު ނެރުނު އިއުލާނެއްގައި ބުނީ، ވިއްސާރައިގެ ސަބަބުން ލިންކް ރޯޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ދަތުރުފަތުރު ކުރުމަށް ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތައް ފިޔަވައި އެހެން ބޭނުންތަކުގައި އެ މަގު ބޭނުން ނުކުރުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން، ވިއްސާރައިގެ ސަބަބުން އަޑިގުޑަން ހެދިފައިވާ ލިންކް ރޯޑާއި ސިޓީގެ އެހެން މަގުތަކުގައި އުޅަނދުފަހަރު ދުއްވުމުގައި ސަމާލުވުމަށާއި، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ސްޕީޑު މަޑުކޮށްގެން ދުއްވުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
އައްޑޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މިހާރުވެސް ދަނީ ހަލުވިކަމާއެކު ކުރެވެމުންނެވެ. އަދި ފެން ހިންދުމުގެ މަސައްކަތަށް މަގުތަކުގައި އަޅާފައިވާ ހޮޅިތަކަށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.





