ހުއްދަނެތި، އަދި ކަނޑައެޅިފައިވާ އަގަށްވުރެ ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ ރައްޔިތަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ވިދާޅުވީ، ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ޚާއްޞަ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން ގަވާއިދާ ޚިލާފަށް ފައިސާ މާރުކުރުމުގެ ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ. މި ދެ މީހުންގެ ތެރެއިން އެމްޑީ މަސްއޫދު ބަންދުކޮށްފައިވަނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުއެވެ. އަދި އަބޫ ތާހިރު ބަންދުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަހުގީގު އެ އިދާރާއިން މިހާރުވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ ދެ މީހުންނާ މެދު އަޅާނެ ގާނޫނީ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ހިންގާ ބޭރު ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.





