ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މެލޭޝިއާ ސަރުކާރުން ރާއްޖެއަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމައިފިއެވެ.
މިކަން ރަސްމީކޮށް އިޢުލާނު ކުރެއްވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ގުޅިފައިވާ ޕްރެސް ސްޓޭޓްމަންޓުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ބޭއްވެވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، މި އެހީއަކީ ދިވެހި ސަރުކާރުން އެދިފައިވާ އެދުމަށް އިޖާބަދީ، މެލޭޝިއާގެ ސެންޓްރަލް ބޭންކު މެދުވެރިކޮށް ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް ދިނުމަށް ހަމަޖެހިފައިވާ ލޯނެއް ކަމަށެވެ. އަދި މިކަމާ ގުޅޭ އިދާރީ އެންމެހައި އިންތިޒާމުތައް ދެ ޤައުމުގެ ސެންޓްރަލް ބޭންކު ގުޅިގެން ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް އެދިވަޑައިގެންފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ، ”މި ފަދަ އެއްބަސްވުމަކަށް ވާސިލްވެވެނީ އެކުވެރިކަމާއި އިތުބާރުގެ ސަބަބުން“ ކަމަށެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމުގެ ހެއްކެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލީ އެހީތެރިކަމުގެ އިތުރުން، ވިޔަފާރީގެ ދާއިރާއިންވެސް މުހިންމު ނިންމެވުންތަކެއް ވަނީ ނިންމަވާފައެވެ. އެގޮތުން މެލޭޝިއާ މެދުވެރިކޮށް ރާއްޖެއަށް ތެޔޮ އެތެރެކުރުމުގެ ކަންކަމަށް ކުރިއަށް އޮތް ތަނުގައި ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ ޔަޤީންކަން ބޮޑުވަޒީރު ދެއްވިއެވެ.
ހަމައެއާއެކު، މެލޭޝިއާގައި ދިރިއުޅޭ އަދި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ވިސާގެ ކަންކަމާއި އެހެނިހެން ޚިދުމަތްތައް ހޯދުމުގައި ލުއިތަކެއް ހޯދައިދިނުމުގެ އިތުރުން، ދިވެހި ދަރިވަރުންނަށް މެލޭޝިއާއިން މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަންވެސް މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.





