ކ. އަތޮޅުން މަހަށް ނުކުމެ އުޅުނު މަސްދޯންޏަކަށް 10 ވަރަކަށް ކިލޯގެ ބޮޑު މާވަހަރެއް ހޮވިއްޖެ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މާވަހަރު ހޮވާފައިވަނީ ކ. ގުޅިއަށް ނިސްބަތްވާ ”ހަލިފާ“ ނަމަކަށް ކިޔާ ދޯންޏަކުންނެވެ. މި ތަކެތި ފެނިފައިވަނީ މީގެ ދެ ދުވަހެއް ވަރު ކުރިން، އެ ދޯނި މަސްވެރިކަމުގައި އުޅެނިކޮށް އއ. ތޮއްޑުއާ ދިމާ ބޭރުން ގާތްގަނޑަކަށް 30 މޭލު ބޭރު ކަނޑުމަތިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކަނޑުމަތިން ފެނިގެން ނެގި މި މާވަހަރަކީ ހުދަންބަރެކެވެ. އަދި އޭގެ ބަރުދަނުގައި ގާތްގަނޑަކަށް 10 ކިލޯ ހުރި ކަމަށް ވަނީ އެނގިފައެވެ.
މި އެއްޗަކީ ހަގީގީ މާވަހަރެއްތޯ ޔަގީންކުރުމަށްޓަކައި ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ކަނޑުމަތިން މިފަދަ އަގުބޮޑު މާވަހަރު ފެނުމަކީ މަދުން ނަމަވެސް ރާއްޖޭގެ މަސްވެރިންނަށް ދިމާވާ ނަސީބުވެރި ކަންކަމެވެ.





