ސައުދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި ”މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން“ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ކޯލިޝަންގެ ޗާޓަރުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވި ގޮތުގައި، މިއީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދޭ މުހިންމު މަގުތައް ކަމަށްވާ ބާބިލް މަންދެބް ކަނޑުއޮޅި، ރަތްކަނޑު އަދި ގަލްފް އޮފް އެޑަން ހިމެނޭ ސަރަހައްދު ރައްކާތެރިކުރުމަށް އުފެއްދި ކޯލިޝަނެކެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ފްރީޑަމް އޮފް ނެވިގޭޝަން ކަށަވަރުކޮށްދިނުމުގެ އިތުރުން އިންޓަނޭޝަނަލް ޓްރޭޑް ރޫޓުތަކުގެ ސެކިއުރިޓީ ގާއިމުކޮށް، ހުރިހާ ގައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަކީ ވެސް މި ކޯލިޝަންގެ މުހިންމު މަގުސަދެކެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ.ގެ މުއާހަދާތަކާއި، ބައިނަލްއަގުވާމީ ގުޅުންތަކުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އުފެއްދި މި ކޯލިޝަނުގައި ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާއާ އެކު ގާތް ގުޅުމެއް ބާއްވާ ގިނަ ގައުމުތަކަކުން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން އިތުރަށް ފާހަގަކުރި ގޮތުގައި، މި ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވުމުން ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ކަނޑުމަގުން ރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ގައުމުގެ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.





