ދުނިޔޭގެ ޑިޖިޓަލް މިންގަނޑުތައް ކަނޑައަޅާ ”ދަ ޔުނިކޯޑް ކޮންސޯޓިއަމް“ އިން މިއަދު ނެރުނު ޔުނިކޯޑް ސްޓޭންޑާޑް ވާޝަން 18.0 ގައި ދިވެހި ރުފިޔާ ރަމްޒުކޮށްދޭ ޚާއްޞަ ނިޝާން ހިމަނައިފިއެވެ.
މި ވާޝަންގައި ދިވެހި ރުފިޔާގެ ނިޝާނަށް ޚާއްޞަކޮށްފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވީ، 2022 ވަނަ އަހަރު ރަސްމީކޮށް ތަޢާރަފުކުރި ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑް ސްޓޭންޑާޑްގައި ހިމެނުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ވެބްސައިޓްތަކާއި، މޯބައިލް އެޕްލިކޭޝަންތަކުގެ އިތުރުން ތަފާތު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް، ފަސޭހަކަމާއެކު ބޭނުންކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
އެމްއެމްއޭއިން އިތުރަށް ފާހަގަކުރި ގޮތުގައި، މިއީ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ފައިސާގެ ނިޝާން ބޭނުންކުރުން ޢާންމުކުރުމަށް ކުރެވުނު މަސައްކަތުގައި ޙާސިލްކުރެވުނު ވަރަށް މުހިންމު ލަނޑުދަނޑިއެކެވެ. އަދި ޔުނިކޯޑް ސްޓޭންޑާޑްގެ ތެރެއަށް މި ނިޝާން ގެނައުމަށްޓަކައި އެ އޮތޯރިޓީއާ ގުޅިގެން މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް އެމްއެމްއޭއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޔުނިކޯޑް ކޮންސޯޓިއަމްއަކީ ޑިޖިޓަލް ދުނިޔޭގައި ބޭނުންކުރާ އެކި ޤައުމުތަކުގެ ބަސްބަހުގެ އަކުރުތަކާއި ފައިސާގެ ނިޝާންތައް ހުރިހާ ޑިވައިސްތަކަކަށް އެއްގޮތަކަށް ދެނެގަނެވޭނެ މިންގަނޑުތައް އެކުލަވާލައި ބަލަހައްޓާ ބައިނަލްއަޤްވާމީ އިދާރާއެވެ. ނަމަވެސް، ފައިސާގެ ނިޝާންތައް އީޖާދުކޮށް، ޑިޒައިން ކުރުމަކީ އެ ޤައުމެއްގެ ރަސްމީ އިދާރާތަކުން އަމިއްލައަށް ކުރިއަށްގެންދާ ކަމެކެވެ.





