އަމިއްލަ ދަނޑުގައި ކުޅެ ބްރައިޓަން އަތުން 3-2 އިން ބަލިވެ، އިނގިރޭސި ލީގު ކަޕްގެ ތިން ވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފިއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑު ކަމަށްވާ އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 10 މިނެޓްތެރޭ އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ދެ ގޯލުގެ ލީޑެއް ނަގައިފައެވެ. އެގޮތުން މެޗުގެ 8 ވަނަ މިނެޓްގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ އެޓީމުގެ އުމުރުން 19 އަހަރުގެ މިޑްފީލްޑަރު ޝޭއި ލޭސީ އެވެ. އަދި އޭގެ ދެ މިނެޓް ފަހުން، މެޗުގެ 10 ވަނަ މިނެޓުގައި މޭސަން މައުންޓް ވަނީ ގޯލެއް ޖަހައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ.
ޔުނައިޓެޑުން ދެ ގޯލުގެ ލީޑެއްގައި އޮއްވައި، ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކޮސްޓުލާސް ވަނީ ގޯލެއް ޖަހައި ބްރައިޓަން އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ދެވަނަ ހާފަށް ނުކުމެ ބްރައިޓަނުން ކުޅުން ވަރުގަދަކުރިއިރު، މެޗުގެ 65 ވަނަ މިނެޓްގައި ޕަސްކަލް ގްރޯސް ވަނީ ބްރައިޓަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ފަސް މިނެޓް ފަހުން، މެޗުގެ 70 ވަނަ މިނެޓުގައި އުފެއްދި ނުރައްކާތެރި ކައުންޓަ އެޓޭކެއްގައި މެކްސިމް ޑި ކުއިޕާ ވަނީ ބްރައިޓަންގެ ތިންވަނަ ގޯލު ކާމިޔާބުކޮށް، މެޗުގެ ނަތީޖާ އެޓީމުގެ ކޮޅަށް އަނބުރާލައިފައެވެ.
މެޗުގެ ފަހުކޮޅުގައި ނަތީޖާ އެއްވަރުކޮށްލަން ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށް ރަނުގެ ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް، ބްރައިޓަންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ، ބްރައިޓަންގެ ކީޕަރު ޖޭސަން ސްޓީލް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
އިނގިރޭސި ލީގު ކަޕުން ޔުނައިޓެޑް މި ކެޓީ އެޓީމުގެ ފޯމު ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ.
ޔުނައިޓެޑް ބަލިކޮށް މި މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރި ބްރައިޓަން، މުބާރާތުގެ ދެން އޮންނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ މެންޗެސްޓާ ސިޓީ އާއި ނޯވިޗް ސިޓީ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.





