ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢީ އެހީގެ ދާއިރާއިން ކުރައްވަން ކަނޑައަޅުއްވާފައިވާ ކަންކަމުގެ ތެރެއިން 67 އިންސައްތަ މިހާތަނަށް ޙާޞިލުކުރެވިފައިވާ ކަމަށް ޞިއްޙަތާ ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި، ސިއްޙީ ދާއިރާއާ ގުޅޭގޮތުން ހުށަހެޅުއްވި ޕްރެޒެންޓޭޝަނެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ސިއްޙީ ދާއިރާއިން 478 ވަޢުދެއް ވެފައިވާއިރު އޭގެ ތެރެއިން ބޮޑު އިންސައްތައެއް މިހާރުވެސް ޙާޞިލުވެފައިވާ ކަމަށެވެ. އަދި މި ދާއިރާގެ ކުރިއެރުމަށް ސަރުކާރުން މިހާތަނަށް 244 ނިންމެވުމެއް ނިންމަވާފައިވާ ކަމަށާއި، 835 ޕްރޮޖެކްޓެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް 8,384 ޙަރަކާތެއް ހިންގާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
”މިއަދު 3 އަހަރުވާން ކައިރިވެފައިވާއިރު އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ޙާޞިލްކުރެވުނީ 67% މަސައްކަތޭ. މި ދާއިރާއަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ދާއިރާއެއް،“ ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ނިމިދިޔަ ސަރުކާރާއި މި ސަރުކާރުގެ މަސައްކަތްތައް އަޅާކިޔުއްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް 5.98 ބިލިއަން ރުފިޔާގެ މަޝްރޫޢު ޙަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގެ 5 އަހަރު ދުވަހުގެ ތެރޭގައި ޙަވާލުކޮށްފައިވަނީ ޖުމްލަ 2.62 ބިލިއަން ރުފިޔާގެ މަޝްރޫޢު ކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރުން 40 ހޮސްޕިޓަލަކާއި 22 ޞިއްޙީ މަރުކަޒެއްގެ މަސައްކަތް ފަށާފައިވާއިރު، ކުރީ ސަރުކާރުން ފަށާފައިވަނީ 16 ހޮސްޕިޓަލާއި 14 ޞިއްޙީ މަރުކަޒުގެ މަސައްކަތް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ސިއްޙީ ފެސިލިޓީތައް އަޕްގްރޭޑްކުރުމަށް މި ސަރުކާރުން މިހާތަނަށް 89 މަޝްރޫޢެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ސިއްޙީ ދާއިރާގެ ވަސީލަތްތައް ކުރިއަރުވައި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މި ސަރުކާރުން ކަމަށެވެ.
އެގޮތުން، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު އައިޖީއެމްއެޗްގައި ބޭނުންކުރަމުންދިޔަ 4 އޮޕަރޭޝަން ތިއޭޓަރު ހަލާކުވެ ބޭނުންނުކުރެވޭ ހާލަތުގައި ހުރި ނަމަވެސް، މިހާރު އެ ތަންތަން ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސްޓޭންޑަޑައިޒްކޮށްފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި އިތުރު ޢިމާރާތެއް ނޭޅި ނަމަވެސް، 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ވިންގެއް ޤާއިމްކޮށް އައިޖީއެމްއެޗްގެ ޚިދުމަތް ފުޅާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”މިއީ ހަމަގައިމުވެސް އެއްވެސް ސަރުކާރަކަށް ކުރެވުނު ކަމެއް ނޫން. ހުޅުވުނީއްސުރެ ހުރި ގޮތަށް ހުރީ. ދަރުމަވަންތަ ހޮސްޕިޓަލުވެސް ހުރީ ގުދަނަކަށް ހަދާފަ،“ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ އައިޖީއެމްއެޗްގެ އިތުރުން މާލެ ސަރަޙައްދުގެ އެހެން ސިއްޙީ މަރުކަޒުތަކާއި ވަސީލަތްތައް ތަރައްޤީކޮށް، ރައްޔިތުންނަށް އިތުބާރު ހުރި، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.





