މާލޭގައި ރޭ ދަންވަރު ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލުމާ ގުޅިގެން، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ، ގަލޮޅު ހުވަފެނީގޯޅީގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ މެންދަމު 02:32 ހާއިރު ކަމަށެވެ. އަދި މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާއަށް ފަރުވާ ދިނުމަށްޓަކައި ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް، އެ މީހާއަށް ލިބުނު އަނިޔާތަކުގެ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އައިޖީއެމްއެޗުން މިއަދު މައުލޫމާތު ދިން ގޮތުގައި، ޒަހަމްވި މީހާއަށް މި ވަގުތު ފަރުވާ ދެމުންދަނީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރު) ގައެވެ. އަދި އޭނާގެ ހާލަތު ބެލުމަށްފަހު ވަރަށް އަވަހަށް ވޯޑަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނި ނަމަވެސް، ލިބިފައިވާ އަނިޔާގެ ސީރިއަސްމިނާ ގުޅޭގޮތުން އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މި މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލެ ސަރަހައްދުގައި ދޭތެރެދޭތެރެއިން މިފަދަ ނުރައްކާތެރި މާރާމާރީތައް ހިންގަމުންދާއިރު، ބައެއް ހާދިސާތަކުގައި މީހުންނަށް ބޮޑެތި ޒަހަމްތަކާއި އަނިޔާތައް ލިބެމުންދާކަން ފާހަގަކުރެވެއެވެ.





