މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކައްދޫ އެއާޕޯޓުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށް، ހަޒާރުމާގެ، އަބްދުﷲ ގާސިމް (31އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ވިދާޅުވީ، މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 7:13 ހާއިރު ހިންގި މި އޮޕަރޭޝަނުގައި، ކައްދޫ އެއާޕޯޓު ތެރެއިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 29.34 ގްރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަބްދުﷲ ގާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





