ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މީޑިއާ ކޮންޓްރޯލް ކުރުމަކީ އެއްވެސް އިރެއްގައި އެ މަނިކުފާނުގެ ޝައުގުވެރިކަމެއް ނޫން ކަމަށް މިރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު ވިދާޅުވީ، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރެއްވުމުގައި ވެސް، އެ މަނިކުފާނަށް ކޮންޓްރޯލް އޮންނަ ގޮތަށް ބާއްވަން ބޭނުންފުޅު ނުވާ ކަމަށް ޕީއެންސީގެ މެމްބަރުންނަށް އަންގަވާފައިވާ ކަމަށެވެ.
ރައީސް މިކަން ހާމަކުރެއްވީ ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާއެއްގައެވެ. އެ މަނިކުފާނު ވިދާޅުވީ، މީޑިއާ ކޮމިޝަންގެ ބިލް އެކުލަވައިލާއިރު، އެއްވެސް ކޮންޓްރޯލެއް އެ މަނިކުފާނަށް އޮންނަ ގޮތަށް ބިލް ބައްޓަންކުރަން ބޭނުންފުޅު ނުވާ ކަމަށެވެ.
”އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ހުރި ކަމެއް ނޫން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ. އަޅުގަނޑު އެއްވެސް އިރަކު ކުރި ކަމެއް ވެސް ނޫން. އަދި ކުރާނެ ވެސް ކަމެއް ނޫން،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ނޫސްވެރިކަން ރެގިއުލޭޓްކުރުމާ އެކު، ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލިހަށް ވަނީ ބިލެއް ހުށަހަޅުއްވާފައެވެ. މި ބިލްގައިވާ ގޮތުން، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނަށް މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން އައްޔަން ކުރުމުގެ ބާރު ލިބެނީ ރައީސަށެވެ. ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ ވެސް ބިލްގައިވާ ގޮތުން ރައީސެވެ.
ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންނަށް މިހާރު ދަންނަވާފައި ވާނީ ކޮމިޝަނަށް އައްޔަންކުރާ މެމްބަރުންގެ ތެރެއިން ބޭފުޅަކު އެ ކޮމިޝަންގެ ރައީސަކަށް ހަމަޖެއްސުމަށް ކަމަށެވެ.
”އަޅުގަނޑު ބޭނުމެއް ނޫން އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަކީ މީޑިއާ އަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާކަށް. މީޑިއާ ވާން ޖެހޭނީ މިނިވަންކަމާ އެކު އޮޕަރޭޓް ކުރާ ބަޔަކަށް،“ ރައީސް ވިދާޅުވިއެވެ.
އަދި އެ މަނިކުފާނު ފާހަގަކުރެއްވީ، ”މިހާރު އޮތް ބިލްގައި ވެސް އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުގައި ހަތް މެމްބަރުންގެ ކޮމިޝަނެއް ހަދާއިރުގައި ހަތަރު މެމްބަރުން އަންނަނީ ވެސް މީޑިއާތަކުން ވޯޓުލައިގެން. ދެން ތިބި ތިން މެމްބަރުން ރައްޔިތުންގެ މަޖިލިހުން ވޯޓުލައިގެން ހޮވަނީ. އެ ހަތް މީހުންގެ ތެރެއިން ވެސް ރައީސް ނަގަން އަޅުގަނޑު ބޭނުންވަނީ އެ ހަތް މީހުން ވޯޓުލައިން،“ ކަމަށެވެ.
މި ބިލްގައި، މީޑިއާ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ކަންތައްތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި:
- ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5,000ރ. އާއި 25,000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން.
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100,000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން.
- މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން.
- ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން.
- މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން.
- ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު ލިބުން.
މި ބިލްގައި ހިމެނޭ މިފަދަ ބާރުތަކުގެ ސަބަބުން، ނޫސްވެރިންގެ ފަރާތުން ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ. މިދިޔަ އަންގާރަ ދުވަހު ބައެއް ނޫސްވެރިން ވަނީ ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާގެ ބޭރުގައި އިހުތިޖާޖުކޮށްފައެވެ. މީގެ އިތުރުން، ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާތަކާއި ބޭރުގެ ޖަމިއްޔާތަކުން ވެސް ވަނީ މި ބިލް ހުށަހެޅުން ކުށްވެރިކޮށް، ބިލް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް މި ބިލް އަނބުރާ ގެންދިއުމަށް ވަނީ ގޮވާލާފައެވެ.





