ފުވައްމުލަކު ސިޓީގައި ޑައިވިނަށް ފޭބި ބޭރުގެ ފަތުރުވެރިޔަކު މިއަދު މަރުވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން މައުލޫމާތު ދެއްވި ގޮތުގައި، މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ، އެ މީހާ ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން، ފަރުވާއަށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 9:18 ހާއިރު ކަމަށެވެ. އަދި އެ ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މިކަމާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.





