ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ޔޫޓިލިޓީގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން، ރަށްރަށުގެ ޙާލަތު ދެނެގަތުމުގެ ސަރވޭތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފަށައިފިއެވެ.
މުޅި ރާއްޖެއަށް ޔޫޓިލިޓީގެ ޚިދުމަތް ސްޓެލްކޯގެ ދަށުން ދިނުމަށް ސަރުކާރުން ނިންމެވީ، މީގެކުރިން ގިނަ ރަށްރަށުގައި އެ ޚިދުމަތްތައް ދެމުންދިޔަ ފެނަކަ ކޯޕަރޭޝަން އުވާލުމަށްފަހުގައެވެ. މި ބަދަލު ގެންނެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މި ހިނގާ މަހުގެ 7 ވަނަ ދުވަހުއެވެ. އެ ނިންމެވުމާ ގުޅިގެން ސްޓެލްކޯއިން އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ޚިދުމަތް ދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފަށައި ތައްޔާރުވަމުންނެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ސަރުކާރުގެ ނިންމެވުމާ އެއްގޮތަށް އަލަށް އެ ކުންފުނީގެ ދަށަށް ބަދަލުވާ ރަށްރަށުގެ ޙާލަތު ދެނެގަތުމަށްޓަކައި ޓީމުތައް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން، މިހާރު ސްޓެލްކޯގެ ޓީމުތަކުން އައްޑޫ ސިޓީ އަދި ތިނަދޫ ސިޓީގައި ޔޫޓިލިޓީގެ ޚިދުމަތްތަކާ ގުޅޭ ޚާއްޞަ ސަރވޭތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ފެނަކަ އުވާލައި، އެ ކުންފުނީގެ ޒިންމާތައް ސްޓެލްކޯގެ ދަށަށް ގެންނަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އިޞްލާޙުކުރުމުގެ ގޮތުންނެވެ. ސަރުކާރުން ހާމަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ސަރުކާރުތަކުގައި ބޭނުންވާ މިންވަރަށްވުރެ އިތުރަށް ކުންފުނިތަކަށް މުވައްޒަފުން ނެގުމުގެ ސަބަބުން ޚަރަދުތައް އިންތިހާއަށް ބޮޑުވެ، ހިންގުމަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން، މި ގެނައި ބަދަލާއެކު މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ކުޑަކުރެވި، ޚަރަދުތައް ކުޑަވެ، ކުންފުނިތަކުގެ ހިންގުން މާބޮޑަށް ވެސް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ޔޫޓިލިޓީގެ ޚިދުމަތް ސްޓެލްކޯއާ ހަވާލުކުރުމުގެ ކުރިންވެސް، ސަރުކާރުން ވަނީ ރާއްޖޭގެ 4 އަތޮޅެއްގެ ޔޫޓިލިޓީގެ ކަންކަން އެ ކުންފުންޏާ ހަވާލުކޮށްފައެވެ. މީގެއިތުރުން، ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ގްރޭޓަރ މާލެ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން އަންނަނީ ވެސް ސްޓެލްކޯއިންނެވެ.





