މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނިތައް އަދާކުރުމަށްޓަކައި 10 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ’މަތީ މަޖިލިސް ކޮންގްރެސް 2026‘ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިދިޔަ 8 މަސް ދުވަހު ދަރަނި ދެއްކުމަށް ހޭދަކުރި 10 ބިލިޔަން ރުފިޔާއަކީ ފާއިތުވި 9 އަހަރުގެ ތެރޭގައި ދަރަނިތައް ދެއްކުމަށް ދައުލަތުން ހޭދަކުރި މިންވަރަށްވުރެ އިތުރު އަދަދެއް ކަމަށެވެ. އެގޮތުން، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި މާލީ ދާއިރާއިން ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވަޒީރު ވަނީ ތަފުސީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތަށް ބައްލަވާލައްވަމުން ވަޒީރު ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހުނު މިންވަރު ނިސްބަތުން ވަރަށް ދަށް ކަމަށެވެ. ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު 400 އެއްހާ މިލިޔަން ރުފިޔާގެ ދަރަނި ދައްކަން ޖެހުނު ކަމަށާއި، އޭގެ ފަހުން ކޮންމެ އަހަރަކުވެސް ދަރަނި ދައްކަން ޖެހޭ އަދަދުތައް މަތިވަމުން ގޮސްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
އެގޮތުން، 2024 ވަނަ އަހަރު ނިމުނުއިރު ދަރަނީގެ ގޮތުގައި ދައްކަންޖެހޭ މިންވަރު 3.3 ބިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށާއި، މިދިޔަ އަހަރާއި މިއަހަރަކީ ދައުލަތުގެ ހަޔާތުގައިވެސް އެންމެ ބޮޑެތި ލޯނުތަކެއް ދައްކަންޖެހުނު އަހަރުތައް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
”މިއަހަރު މިހާތަނަށް މިދިޔަ 8 މަސްދުވަހުގެ ތެރޭގައި 10 ބިލިޔަން ރުފިޔާގެ ލޯނު ދެއްކިފައެބަވޭ. އެއީ ގާތްގަނޑަށް 2015އިން ފެށިގެން 2023ވަނަ އަހަރާ ހަމައަށް ދައްކަންޖެހުނު އަދަދާއި ދާދި އެއްވަރުގެ އަދަދެއް ޓްރެންޑުން ފެންނަ ގޮތުން. އެހެންކަމުން ދައުލަތަށް ލިބޭ ގިނަ އަދަދެއްގެ ޑޮލަރު މިއަދު މިބޭނުންކުރެވެނީ ލޯނު ސާވިސިންއަށް،“ ވަޒީރު ޙަސަން ޒަރީރު ވިދާޅުވިއެވެ.
މީގެއިތުރުން، ފައިސާގެ ރިޒާވުން ދަރަންޏާއި ތެލަށް ކުރަން ޖެހުނު ހޭދައިގެ ތަފުސީލުތައް ހިއްސާކުރައްވަމުން ވަޒީރު ފާހަގަކުރެއްވީ، ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ތެޔޮ އެތެރެކުރުމަށް އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ 2022 ވަނަ އަހަރު ކަމަށެވެ. އެ އަހަރު އެކަނިވެސް 831 މިލިޔަން ޑޮލަރު ތެލަށް ހޭދަވިއިރު، ޖެހިގެން އައި 3 އަހަރުވެސް އެ އަދަދު ހުރީ 700 މިލިޔަން ޑޮލަރުން މަތީގައެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ތެލަށް ކުރި ހޭދަ ދަށްކުރެވި، އެ އަދަދު މިހާރު ހުރީ 683 މިލިޔަން ޑޮލަރުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.





