އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށްގެން ރާއްޖެ އެތެރެކުރުމާއި، އުފެއްދުން އަދި ބާޒާރުގައި ވިއްކުން މަނާކުރާ ތާރީޚު 2031 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަޝްވަރާއާއި ލަފާގެ މަތިން، ’ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ޤަރާރު‘ އަށް އިޞްލާޙު ގެންނަވައި، މިއަދު ނެރުއްވި ރިޔާސީ ޚާއްސަ ޤަރާރަކުންނެވެ.
ކުރިން މި ޤަރާރުގައި ކަނޑައަޅާފައި އޮތީ އެއް ލީޓަރާއި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން އަންނަ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާވާ ގޮތަށެވެ. ނަމަވެސް، މިއަދު ގެނައި އިޞްލާޙާއެކު މި މުއްދަތު މިހާރު ވަނީ 1 ޖޫން 2031 އަށް ފަސްކުރެވިފައެވެ.
މީގެ އިތުރުން، މި ޤަރާރުގެ ލިސްޓުގެ ނަންބަރު 14 އަށްވެސް ސަރުކާރުން ވަނީ މުހިންމު ބަދަލެއް ގެންނަވާފައެވެ. އެގޮތުން، ކުރިން ބަޔާންކޮށްފައި އޮތް 500 މިލިލީޓަރުގެ ބަދަލުގައި 250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ފިޔަވައި އެހެނިހެން ތައްޔާރީ ބުއިންތައް މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި އަދި ބާޒާރަށް ނެރުން މަނާވާނެ ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.
ދިވެހިރާއްޖޭގެ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި މި އިޞްލާޙުތައް މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.





