އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީކޮށް ފަށައިފިއެވެ.
މާލޭގެ އެންމެ ބާރުބޮޑު އެއް މަގު ކަމަށްވާ އަމީނީމަގު މަރާމާތު ކުރުމުގެ މި މަސައްކަތް އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން މަގުގައި އަލުން ތާރުއަޅައި މަރާމާތު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް އެކަށީގެންވާ ބަދަލުތަކެއް ގެނައުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިހާރު ތާރުއަޅަން ފަށާފައިވާ ސެގްމަންޓު 1 ގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީގައި އޮންނަ ޕާކާ ހަމައަށް އޮތް ސަރަޙައްދެވެ. އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ސެގްމެންޓް 1 ގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމަށްފަހު، ވަގުތުން ސެގްމަންޓް 2 ގެ އަމަލީ މަސައްކަތް ފަށާނެއެވެ. ސެގްމެންޓް 2 ގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދެވެ.
އެމްޓީސީސީގެ އަމާޒަކީ މި ހުރިހާ މަސައްކަތްތަކެއް އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުގެ ތެރެއިން ހަލާކުވެފައި ހުރި ބައިތައް މަރާމާތު ކުރުމުގެ މަސައްކަތްވެސް މި މުއްދަތުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ފަންނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި، އަމީނީ މަގުގެ މި ސަރަހައްދު މީގެ ކުރިން މާ އަވަހަށް ހަލާކުވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ކުރިން ތާރު އެޅުމަށްފަހު ތާރުގަނޑު އެކަށީގެންވާ ވަރަށް ނުހިކެނީސް އުޅަނދުތަކަށް ދުއްވަން ހުޅުވާލުމެވެ. އަދި ޚާއްސަކޮށް އެ ސަރަޙައްދަކީ ބަސް ފަދަ ބަރު އުޅަނދުތައް ގިނައިން ދަތުރުކުރާ މަގަކަށް ވުމުން މަގު ހަލާކުވުމަށް އިތުރަށް ބާރުއެޅިއެވެ.
ނިމިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގި އަމީނީ މަގު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ނަމަވެސް މަގުގެ ބައެއް ސަރަހައްދުތައް ހަލާކުވުމާ ގުޅިގެން، ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މިހާރު މިވަނީ މި މަސައްކަތް އަލުން ފަށާފައެވެ.





