ޒިންމާދާރު އަދި ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ”ނޭޝަނަލް ސާވިސް ސްކިލްސް ޓްރެއިނިން ޕްރޮގްރާމް“ ނުވަތަ ވަތަނީ ހިދުމަތުގެ އިނީޝިއަލް ތަމްރީނު ޕްރޮގްރާމުގެ ތިންވަނަ ބެޗުން 341 ދަރިވަރަކު މިއަދު ދަސްވެނިވެއްޖެއެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިދިޔަ މެއި މަހުގެ 17 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ތަމްރީނުތައް ނިންމުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ދަސްވެނިވުމުގެ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް އެންޑް ނޭޝަނަލް ސާވިސް މިނިސްޓަރު ޙަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންގެ ބެލެނިވެރިންނާއި އާއިލާގެ ގިނަ މެންބަރުންތަކެއް ވެސް ވަނީ ބައިވެރިވެފައެވެ.
މި ފަހަރުގެ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 352 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރެއިން ކޯސް ކާމިޔާބުކަމާއެކު ނިންމައި 341 ދަރިވަރަކު ދަސްވެނިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެވެ.
މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ދިރިއުޅުމުގެ އެކި މައިދާންތަކަށާއި ވަޒީފާގެ މާހައުލަށް ބޭނުންވާ ތަފާތު މުހިންމު ދާއިރާތަކުން ވަނީ ފަންނީ އަދި އަމަލީ ތަމްރީނުތައް ފޯރުކޮށްދީފައެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރި ކޮންމެ ދަރިވަރަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.
ވަތަނީ ޚިދުމަތުގެ އިނީޝިއަލް ތަމްރީނު ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމުލަ 1029 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެގޮތުން ފުރަތަމަ ބެޗާއި ދެވަނަ ބެޗުން ކޮންމެ ބެޗަކުން 344 ދަރިވަރުން ދަސްވެނިވެފައިވެއެވެ. މީގެ އިތުރުން، މި ޕްރޮގްރާމުގެ ފުރަތަމަ ބެޗު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން 137 ދަރިވަރަކު ވަނީ ދިވެހި ސިފައިންގެ އަސާސީ ތަމްރީނު ކޯސް ވެސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.





