ދަބަހުގައި ބޮމެއް އޮތްކަމަށް ބުނެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބިރުވެރިކަން އުފެއްދި މިސްރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މިސްރަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ބިރުދެއްކުމާއި، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ނުވަތަ ދޮގު ޚަބަރު ފެތުރުމުގެ ކުށެވެ.
މި ހާދިސާއާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޯޓުގެ ބަންދު އަޑުއެހުމުގައި ފުލުހުން ފާހަގަކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެއާޕޯޓުގެ ޑިޕާޗާ ސްކްރީން ސަރަހައްދުގައި އޭނާގެ ދައްތައާއެކު ހުއްޓައެވެ. އެވަގުތު ޑިއުޓީގައި ތިބި އޮފިސަރުން އޭނާގެ ދައްތަގެ ދަބަސް އިތުރަށް ޗެކްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ދަބަހުގައި ބޮމެއް އޮތް ކަމަށް އޭނާ ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ވަގުތުން ސެކިއުރިޓީ ސަމާލުކަމަށް ގެނެސް، ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެ އެ ސަރަހައްދާއި ދަބަސް ބަލައި ފާސްކުރިއިރު އެފަދަ އެއްވެސް ނުރައްކާތެރި އެއްޗެއް ފެނިފައެއް ނުވެއެވެ. އަދި އެއީ އޭނާ މަޖަލަކަށް ބުނި ވާހަކައެއް ކަމަށް އެ ވަގުތު ސީންގައި ވެސް ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓުގައި އަމިއްލަ ދިފާއުގައި ވާހަކަ ދައްކަމުން އެ މީހާ ބުނެފައިވަނީ، އެއީ އޭނާ މަޖަލަކަށް ބުނެވުނު އެއްޗެއް ކަމަށާއި، ކަން ހިނގި ވަގުތު ސީންގައި ވެސް މައާފަށް އެދިފައިވާނެ ކަމަށެވެ. އަދި ތަހުގީގަށް ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް، ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވަނީ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ، ފަސް ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރާ ކަމަށެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





