ކުރިއަށް އޮތް ބައިނަލްއަޤުވާމީ ބްރޭކުގައި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުތަކުގައި ވާދަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ޗައިނާއަށް ފުރައިފިއެވެ.
މި ފީފާ ބްރޭކުގެ ތެރޭގައި ރާއްޖެއިން ޖުމްލަ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރާއްޖޭގެ ފުރަތަމަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ނުކުންނާނީ ވަރުގަދަ ޗައިނާއާ ދެކޮޅަށެވެ. ދުނިޔޭގެ ފީފާ ރޭންކިންގެ 91 ވަނައިގައި އަދި އޭޝިއާގެ 13 ވަނައިގައި ޗައިނާ އޮތްއިރު، ރާއްޖެ މިވަގުތު އޮތީ ދުނިޔޭގެ ރޭންކިންގެ 173 ވަނައިގައެވެ. އެއީ އޭޝިއާ ސަރަޙައްދުގެ 33 ވަނައެވެ. މީގެ ކުރިން މި ދެ ޤައުމު ބައިނަލްއަޤުވާމީ މައިދާނުގައި ހަ ފަހަރު ބައްދަލުކޮށްފައިވީ ނަމަވެސް، އޭގެ ތެރެއިން އެއްވެސް މެޗަކުން ރާއްޖެއަށް އަދި މޮޅެއް ހޯދިފައެއް ނުވެއެވެ.
ޗައިނާއާ ދެކޮޅަށް ކުޅޭ މެޗަށްފަހު، މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ 106 ވަނަ އަދި އޭޝިއާގެ 19 ވަނައިގައި އޮތް ކިރްގިސްތާނާ ދެކޮޅަށެވެ. އަދި މި ދަތުރުގެ ތިންވަނަ މެޗުގައި އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ރޭންކިންގެ 107 ވަނައިގައި އޮތް ލުބުނާނާއެވެ.
ޤައުމީ ޓީމުން އެންމެ ފަހުން މެޗުތަކެއް ކުޅެފައިވަނީ ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ ޖޫން މަހު ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތުގައެވެ. އެ މުބާރާތުގައި ޕާކިސްތާނާއި އަފްޣާނިސްތާން އަތުން ރާއްޖެ ބަލިވި ނަމަވެސް، ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މި ފަހަރުގެ މެޗުތަކަށް ޤައުމީ ޓީމު ނުކުންނަނީ ހެޑް ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ހަންގޭރީގެ އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުންނެވެ. މި މެޗުތަކަށް އެކުލަވާލި ޤައުމީ ސްކޮޑަށް އޭނާ ވަނީ ބައެއް މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.





