ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް މަޝްރޫއުގެ ގޮތުގައި، ރަސްމާލޭގައި ޒަމާނީ މެރީނާއަކާއި ވޯޓާފްރޮންޓެއް ތަރައްގީކޮށް ހިންގުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު އީގަލްސް ހިލްސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން މިއަދު 20 ބިލިއަން ޑޮލަރުގެ ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އީގަލްސް ހިލްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަދި ދުބާއީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު އަލައްބާރުއެވެ.
އިގްތިސާދީ ބޮޑު އިންގިލާބެއް: ބޭރުގެ އިންވެސްޓްމަންޓާއި ވަޒީފާގެ ފުރުސަތުތައް
ހައުސިން މިނިސްޓްރީ އާއި އީގަލްސް ހިލްސް ގުޅިގެން ނެރުނު ބަޔާނުގައި ވާގޮތުން، މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ވަންނާނެއެވެ. މީގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނެއެވެ.
އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެއެވެ. އަދި މަޝްރޫއު އެއްކޮށް ނިމުމުން، އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ތަރައްގީގެ މައިގަނޑު ވަސީލަތްތަކާއި 99 އަހަރުގެ ލީސް
މި މަޝްރޫއުގެ ދަށުން ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތަކުގެ އިތުރުން؛ ވިޔަފާރި، ކެއިންބުއިން، ދުޅަހެޔޮކަން، ތައުލީމީ އަދި ސިއްހީ ހިދުމަތްތައް ހިމެނޭ އެންމެހައި އިޖުތިމާއީ ވަސީލަތްތައް ގާއިމުކުރާނެއެވެ. މީގެ އިތުރުން މަތީ ފަންތީގެ ބްރޭންޑެޑް ރެސިޑެންސްތައް ވެސް ތަރައްގީ ކުރެވޭނެއެވެ.
މި މަޝްރޫއަށް ދޫކުރާ ބިންތަކާއި އިމާރާތްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލީސްހޯލްޑް އުސޫލުން 99 އަހަރާ ހަމައަށެވެ.
ސަރުކާރުން ލޯނު ނުނަގައި، ދައުލަތަށް ބޮޑު އާމްދަނީއެއް
މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވީ، މިއީ އެއްވެސް ޓެކްސް މާފުކުރުމެއް ނެތި އަދި ސަރުކާރުން އެއްވެސް ލޯނެއް ނުނަގައި ހިންގާ މަޝްރޫއެއް ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ބޭރު ފައިސާ ވަދެ، ދިވެހިންނަށް ވަޒީފާތަކާއި ގެދޮރުވެރިކަން ލިބުމުގެ އިތުރުން، ވިއްކާ ކޮންމެ ތަނަކުން ދައުލަތަށް ސީދާ އާމްދަނީ ލިބޭނެއެވެ. އަދި މިއީ 2040 ވަނަ އަހަރަށް ރާއްޖެއަކީ މަތީ އާމްދަނީ ލިބޭ ގައުމަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ރީތިކަމާ އެކު ދުނިޔޭގެ ފެންވަރުގެ ޒިންމާދާރު ތަރައްގީއެއް ގެނައުމަކީ އެ ކުންފުނީގެ އަމާޒު ކަމަށާއި މި މަޝްރޫއުގައި ދުބާއީގެ މަޝްހޫރު އެމާރް (Emaar) ކުންފުނިން ވެސް ބައިވެރިވާނެ ކަމަށެވެ.
ތިމާވެއްޓަށް ރައްކާތެރި، ދެމެހެއްޓެނިވި މަޝްރޫއެއް
މި ބިޔަ މަޝްރޫއު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ރަސްމާލޭގައި މިހާރު ހިއްކާފައިވާ ބިމުގައެވެ. މި މަޝްރޫއަށް އިތުރު ފަޅެއް ނުހިއްކާނެ ކަމުގެ ޔަގީންކަން ދެމުން ބަޔާނުގައި ބުނެފައިވަނީ، މަސައްކަތް ކުރިއަށްދާއިރު ތިމާވެއްޓަށް ކުރާ އަސަރުތައް މިނިވަން ފަރާތަކުން މޮނިޓަރ ކުރަމުންދާނެ ކަމަށެވެ. މުޅި މާސްޓާޕްލޭން ފަރުމާކޮށްފައިވަނީ މޫސުމީ ބަދަލުތަކަށް ވިލުންތެރި، ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި ވާންޖެހޭ ތަފްސީލީ އެއްބަސްވުންތައް ކުރިއަށް އޮތް ތަނުގައި އެކުލަވާލެވިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.





