ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާތަކާ ގުޅިގެން މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.
މި މައްސަލައިގެ އަޑުއެހުމަށް މާދަމާ ހެނދުނު 9:15 އަށް ކޯޓަށް ހާޒިރުވުމަށް އަންގައި މި މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީނަށް ޗިޓު ފޮނުވާފައެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން މައުލޫމާތު ދީފައިވާ ގޮތުގައި މާދަމާގެ އަޑުއެހުން ކެންސަލްކުރަން ޖެހުނީ ދައުލަތުގެ ވަކީލުން އާލާސްކަންފުޅާ އުޅުއްވާތީ، ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހުމާ ގުޅިގެން މައްސަލަ ކެންސަލްކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވާތީއެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައި އޮތީ ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުންނާއި ދައުލަތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ.
ފުއްގިރި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، މީގެ ކުރިން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްތެރިވި ކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ވަނީ ޑިސެމްބަރު 25، 2022 ގައި ހުކުމެއް އިއްވާފައެވެ. ނަމަވެސް، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފައެވެ.
ހައިކޯޓުން އޭރު ނިންމަވާފައިވަނީ މައްސަލަ އަލުން ބަލާއިރު ދައުލަތުން އަލަށް ހުށަހެޅި ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ. ދަށު ކޯޓުން ކުރިން ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އެ އައު ހެކިތަކަށް ރިއާޔަތް ކުރުމަށް ފަހުގައެވެ. މި ނިންމުމަށް ތާއީދުކޮށް، އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް ވަނީ މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު ކަނޑައަޅާފައެވެ.
އާރަށު މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ނިމުމަކާ ހަމައަށް ގޮސްފައިވީ ނަމަވެސް، ރ. ފުއްގިރި މައްސަލައިގެ ޝަރީއަތް އަދިވެސް އޮތީ ކުރިއަށް ގެންދާ ގޮތަށެވެ.





