އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ މި މަހުގެ 22 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއައި ދެ ބިދޭސީން ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުންގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން އެތެރެކުރަން އުޅޭކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތަކާ ގުޅިގެންނެވެ.
މީގެ އިތުރުން، މި މައްސަލައިގައި ދެން ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފައިވަނީ ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި، ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ:
- ވިވެކް އަމްބަން (24 އަހަރު) – އިންޑިއާ
- ޝަހްމިލް ޕަލި ޕަރަމްބަތް (32 އަހަރު) – އިންޑިއާ
- ޢަބްދުﷲ އިބްރާހީމް (36 އަހަރު) – ކުމެރީގެ، ޏ. ފުވައްމުލައް / ހޯދަޑު
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދިވެހި މީހާ ކަމަށްވާ ޢަބްދުﷲ އިބްރާހީމްގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފައެވެ. އަދި އިންޑިއާގެ ދެ މީހުންގެ ބަންދާމެދު ކޯޓުން ނިންމާފައިވަނީ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުގައި ބޭތިއްބުމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





