ސިނަމާލޭ ބުރިޖުގެ އެއާޕޯޓާ ވީކޮޅުން ވޯކްވޭ ބަންދުކުރުމަށް ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް، ފައިމަގުގައި ހުޅުމާލެއާއި ހުޅުލެއަށް ދާ ފަރާތްތަކާމެދު ޤަވާޢިދުގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިފަދައިން ހާމަކުރައްވާފައި މިވަނީ، މަނާކޮށްފައި އޮންނަ ސަރަޙައްދުތަކުން ބެރިކޭޑުތައް ހުރަސްކޮށް، ބައެއް ފަރާތްތަކުން ފައިމަގުގައި ހުޅުލެ އަދި ހުޅުމާލެއަށް ދަތުރުކުރާކަން ފާހަގަކުރެވިގެންނެވެ.
ސިނަމާލެ ބުރިޖާއި ހުޅުލެ އަދި ހައިވޭ ގުޅޭ ޓްރެފިކް ލައިޓު ހިމެނޭ ސަރަޙައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް މަދުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ވަނީ ބުރިޖުގެ ވޯކްވޭ އެ ޓްރެފިކް ލައިޓާ ހިސާބުން ބަންދުކޮށްފައެވެ. ސިނަމާލެ ބުރިޖު ހުޅުވި ދުވަހުން ފެށިގެންވެސް، ބުރިޖު ހުރަސްކޮށް ފައިމަގުގައި އެއާޕޯޓަށާއި ހުޅުމާލެއަށް ދިޔުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި މިކަން އާންމުންނަށް އަންގައިދިނުމުގެ ގޮތުން އެ ސަރަޙައްދުގައި ބެރިކޭޑު ބަހައްޓައި، ”ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން“ ވެސް ވަނީ ހަރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، އެ ނިޝާންތަކާއި ބެރިކޭޑުތަކަށް ނުބަލައި އެ ސަރަޙައްދު ހުރަސްކުރުމަކީ ނުރައްކާތެރި ހިތާމަވެރި ޙާދިސާއެއް ހިނގުމަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤަވާޢިދުގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކަސްރަތު ކުރުމަށާއި، ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި ހިތްފަސޭހަކޮށްލުމަށް ހިނގާލުމަށްޓަކައި ގިނަ އަދަދެއްގެ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ބުރިޖުގެ ވޯކްވޭ ބޭނުންކުރެއެވެ. ނަމަވެސް، މިގޮތަށް ހަރަކާތްތެރިވާ ފަރާތްތަކުންވެސް ބުރިޖާއި އެ ސަރަޙައްދުގައި ހަރުކުރެވިފައިވާ ޓްރެފިކް ނިޝާންތަކަށާއި އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަކީ ނުހަނު މުހިންމު ކަމެކެވެ.
އާންމު ސްޕީޑަށްވުރެ ބާރު ދުވެލީގައި ވެހިކަލް ދުއްވުމުގެ ހުއްދަ އޮންނަ ބުރިޖާއި ހައިވޭގައި، ފައިމަގުގައި އުޅުމަކީ ނުރައްކާތެރި އެކްސިޑެންޓުތަކަށް ހުށަހެޅިގެންދާނެ ކަމެކެވެ. އެހެންކަމުން، ކަސްރަތަށް ނުކުމެ އުޅޭއިރުވެސް ބުރިޖު ހުރަސްކޮށް ހުޅުލެ އަދި ހުޅުމާލެއާ ވީ ފަޅިއަށް ފައިމަގުގައި ދިޔުމަކީ ރައްކާތެރި ކަމެއް ނޫންކަމަށް ފުލުހުން ވަނީ ހަނދާންކޮށްދެއްވާފައެވެ.





