މި ފަހުން ރާއްޖޭގައި ހިމަބިހި (މީސަލްސް) ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް، މިހާރު އެ ބަލީގެ އެކްޓިވް ކޭސްއެއް ނުވަތަ ބަލި ޖެހިފައިވާ އެއްވެސް މީހަކު މި ވަގުތު ރާއްޖޭގައި ނެތް ކަމަށް ހެލްތު މިނިސްޓަރު ޑރ. ޢާޞިމް އަޙްމަދުގެ ބަދަލުގައި މިނިސްޓްރީގެ އިސް ވެރިއެއްގެ ގޮތުން މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޚަދީޖާ ޢަބްދުއްޞަމަދު އަދި މިނިސްޓްރީގެ ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ހެލްތު، ގީލާ ޢަލީ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގްރާމްގެ ރޭގެ އެޕިސޯޑްގައި ވާހަކަދައްކަވަމުން ގީލާ ވިދާޅުވީ، ހިމަބިހީގެ ހާލަތު މިހާރު މުޅިން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، މި ވަގުތު ރާއްޖޭގައި އެ ބަލި ތަހައްމަލު ކުރަމުންދާ އެއްވެސް މީހަކު ނެތް ކަމަށެވެ.
”ވެކްސިން ޕްރޮގްރާމްގެ ކާމިޔާބީ އާއެކު އަސްލު ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް މިއީ. ރާއްޖެއަށް އަންނަ މީހުންގެ ފަރާތުން އަދި އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ގޮސް އައިސް ހެދުމުގެ ތެރޭގައި ކަމަށް ބެލެވެނީ މި ފަހަރުގެ ކޭސްތައް ވެސް ފެށިގެން މި އައީ،“ ގީލާ ވިދާޅުވި އެވެ.
މި އަހަރުގެ މެއި މަހުގެ ފަހުން ރާއްޖެއިން ހިމަބިހީގެ ކޭސްތައް އަލުން ފެންނަން ފެށިއިރު، އޭގެ ފަހުން މިހާތަނަށް 282 މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެ އެވެ. ނަމަވެސް އެޅުނު ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު ހާލަތު ވަނީ އާންމު ހާލަތަކަށް ގެނެވިފަ އެވެ.
ގީލާ އިތުރަށް ވިދާޅުވީ ބަލިން އަރައިގަތުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ވެކްސިން ކަމަށެވެ. އެގޮތުން ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މި ފަހުން ކުރިއަށްގެންދިޔަ ހާއްސަ ވެކްސިން ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ހިމަބިއްސަކީ ރާއްޖެއިން އެއްކޮށް ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ރަސްމީކޮށް ކަނޑައެޅީ 2017 ވަނަ އަހަރު އެވެ. އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ މި ބަލި ނައްތާލެވުނު ދެ ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.
ހިމަބިއްސާ ދެކޮޅަށް ރާއްޖޭގައި ފެށި ވަރުގަދަ މަސައްކަތުގެ ދަށުން، 1983 ވަނަ އަހަރުން ފެށިގެން ޤައުމީ ވެކްސިން ޕްރޮގްރާމްގައި ހިމަނައިގެން، ތުއްތު ކުދިންނަށް އަންނަނީ ގަވާއިދުން ހިމަބިހީގެ ވެކްސިން ދެމުންނެވެ. ސިއްހީ ދާއިރާގެ އަމާޒަކީ މިފަދަ ބަލިތައް އަލުން ފެތުރުނަ ނުދީ، ރައްޔިތުންގެ ރައްކާތެރިކަން ދެމެހެއްޓުމެވެ.





