ދިވެހި ޕައިލެޓުން ތަމްރީނު ކުރުމުގެ ރަސްމީ ލައިސަންސް ސްލޮވީނިއާގެ މަޝްހޫރު އޭވިއޭޝަން ކެރިއާ ސެންޓަރު (އޭސީސީ) އަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ދީފިއެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މި މަހުގެ 20 ވަނަ ދުވަހު އޭސީސީ އަށް ދޫކޮށްފައިވަނީ އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) އެއްގެ ލައިސަންސެވެ. ”އޭޓީއޯ 017“ ގެ ނަމުގައި ދޫކުރި މި ލައިސަންސާއެކު، ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ފާސްކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ޕައިލެޓް ތަމްރީނު ޕްރޮގްރާމްތައް އެ މަރުކަޒުގައި ހިންގުމުގެ ފުރިހަމަ އިހުތިޔާރާއި ހުއްދަ އޭސީސީ އަށް ވަނީ ލިބިގެން ގޮސްފައެވެ.
އޭސީސީން ހާމަކުރި ގޮތުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަންގެ މި ހުއްދައަކީ އެ މަރުކަޒުން ބައިނަލްއަގުވާމީ ފެންވަރުގައި ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް މުހިންމު އަދި ބޮޑު ކުރިއެރުމެކެވެ.
މީގެއިތުރުން، ސްލޮވީނިއާގެ މާރިބޯގައި ހުންނަ އޭސީސީގެ ފްލައިޓް ސިމިއުލޭޝަން ޓްރެއިނިން ޑިވައިސް އަށް ވެސް ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ވަނީ ކޮލިފިކޭޝަން ސެޓްފިކެޓެއް ދޫކޮށްފައެވެ. ”އެއަރޯޕްލޭން އެފްއެންޕީޓީ ލެވެލް 2“ ގެ ގޮތުގައި ކަނޑައަޅާފައިވާ މި ޑިވައިސްއަކީ މަލްޓި އެންޖިން ޕިސްޓަން ބޯޓުތަކުގެ ތަމްރީނުތަކަށް ހާއްސަކޮށް ފާސްކޮށްފައިވާ ޒަމާނީ ސިމިއުލޭޓަރެކެވެ. މި ހުއްދައިގެ ދަށުން އެމްސީއޭއޭ އިން ހުއްދަދީފައިވާ ތަމްރީނު ކޯސްތަކުގައި މި ސިމިއުލޭޓަރު ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ.
މި ހުއްދަތަކާއެކު، ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާއި އޮނިގަނޑުގެ ދަށުން ޕައިލެޓްކަން ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ސްލޮވީނިއާގައި ރައްކާތެރިކަމާއެކު ފެންވަރު ރަނގަޅު ތަމްރީނު ހޯދުމުގެ ފުރުސަތު އިތުރަށް ވަނީ ތަނަވަސްވެގެން ގޮސްފައެވެ.
ރާއްޖެއިން ބޭރުގެ މަރުކަޒުތަކަށް މިފަދަ ހުއްދަތައް ދޫކުރަމުން އަންނައިރު، ރާއްޖޭގައި ވެސް ޕައިލެޓުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ފުޅާ ދާއިރާއެއްގައި ކުރެވެމުންނެވެ. އެގޮތުން އައްޑޫ ސިޓީ ގަމުގައި ގާއިމުކޮށްފައިވާ ޒެނިތު އޭވިއޭޝަން އެކަޑެމީން މިހާރުވެސް ދަނީ ދިވެހި ޒުވާނުންނަށް ފެންވަރު ރަނގަޅު ޕައިލެޓް ޓްރެއިނިން ފޯރުކޮށްދެމުންނެވެ.





