މެލޭޝިއާގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވި ޑރ. މަހާތީރު މުޙައްމަދުގެ އަނބިކަނބަލުން އަދި އެ ޤައުމުގެ ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ސިއްތީ ޙަސްމާ މުޙައްމަދު ޢަލީ، އުމުރުފުޅުން 100 އަހަރުގައި އަވަހާރަވެއްޖެއެވެ.
މަހާތީރުގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، އެކަމަނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަދި ފަސްދާނުވަޑުވުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ އިދާރީ ވެރިރަށް ކަމަށްވާ ޕުތުރަޖާޔާގެ ޤަބުރުސްތާނެއްގައެވެ. ނަމަވެސް އެކަމަނާ އަވަހާރަވި ސަބަބާ ގުޅޭގޮތުން އިތުރު ތަފުސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.
ސިއްތީ ޙަސްމާ އަވަހާރަވުމާ ގުޅިގެން މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެކަމަނާ ޤައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޖަނާޒާގެ ކަންކަން ދަޢުލަތުގެ ފުރިހަމަ ޢިއްޒަތުގައި ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާކަން ބޮޑުވަޒީރު އިޢުލާނު ކުރެއްވިއެވެ. ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ސިއްތީ ޙަސްމާގެ މައިވަންތަ އޯގާތެރި ސިފަތަކުގެ މަތިން މުޅި ޤައުމު އަބަދުވެސް ހަނދާންކުރާނެ ކަމަށެވެ.
ސިއްތީ ޙަސްމާއަކީ މަޑުމައިތިރި، މަޖާ މިޒާޖެއްގެ ވެރި، ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ. މެލޭ ދަރިކޮޅުގެ އަންހެނުންގެ ތެރެއިން އެ ޒަމާނުގައި ޔުނިވަރސިޓީ ތަޢުލީމު ހާސިލުކުރައްވައި ޑިގްރީ ނެންގެވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެކަމަނާއަކީ މަހާތީރުގެ އުފަން ސްޓޭޓް ކަމަށްވާ ކެޑާގެ ފުރަތަމަ އަންހެން މެޑިކަލް އޮފިސަރެވެ. ޞިއްޙީ ދާއިރާގައި ޚާއްޞަކޮށް މައިންގެ ޞިއްޙަތަށާއި ޢާއިލާ ރޭވުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެކަމަނާ އިސް ދައުރެއް އަދާކުރެއްވިއެވެ. މަހާތީރު އަބަދުވެސް ސިފަކުރައްވާ ގޮތުގައި ސިއްތީ ޙަސްމާއަކީ އެމަނިކުފާނުގެ ދިގު ސިޔާސީ ޙަޔާތުގެ އެންމެ ބޮޑު ބާރާއި ކާމިޔާބީގެ މައިބަދައެވެ.
މަހާތީރާއި ސިއްތީ ޙަސްމާ އެންމެ ފުރަތަމަ ބައްދަލުވެވަޑައިގެންނެވީ 1940 ގެ އަހަރުތަކުގެ ފަހުކޮޅު ސިންގަޕޫރުގައި ޞިއްޙީ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވަމުން ގެންދެވި ދުވަސްވަރުގައެވެ. މި ދެކަނބަލުންގެ ކައިވެންޏަށް މިދިޔަ އޮގަސްޓު މަހު 70 އަހަރު ފުރިފައިވާއިރު، މި ކައިވެންޏަށް ހަތް ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.
އުމުރުފުޅުން މިހާރު 101 އަހަރުގެ މަހާތީރު މުޙައްމަދަކީ މެލޭޝިއާ ޒަމާނީ، ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވި ބާނީގެ ގޮތުގައި މުޅި ދުނިޔެ ވެސް ބަލައިގަންނަ ލީޑަރެކެވެ. 1981 އިން 2003 އަށް ކުރެއްވި ދެ ދަހަރަށް ވުރެ ދިގު ވެރިކަމުގައި މެލޭޝިއާއަށް ޞިނާޢީ ގޮތުން އިންޤިލާބީ ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވިއެވެ. އަދި އޭގެ ފަހުން، އެތައް ބިލިޔަން ޑޮލަރެއްގެ ”1އެމްޑީބީ“ ޚިޔާނާތާ ގުޅިގެން ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި ވެސް އެމަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
މަހާތީރު ވަނީ 2018 ވަނަ އަހަރު ދުނިޔޭގެ އެންމެ ދޮށީ ޢުމުރުގެ ބޮޑުވަޒީރުގެ ގޮތުގައި ދެވަނަ ފަހަރަށް ވެރިކަމާ ޙަވާލުވެވަޑައިގެންފައެވެ. ނަމަވެސް، ސިޔާސީ ގޮތުން އުފެދުނު ބޮޑެތި ޚިޔާލުތަފާތުވުންތަކާއި ކޯޅުންތަކާ ގުޅިގެން 2020 ވަނަ އަހަރު ވެރިކަންކުރާ އިއްތިޙާދު ރޫޅި، ދެ އަހަރު ނުވަނީސް އެމަނިކުފާނުގެ ދެވަނަ ދައުރު ވަނީ ނިމުމަކަށް އައިސްފައެވެ.





