ރަސްމާލެ މަޝްރޫއުގެ ދަށުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ ވިޔަފާރި އެއްބަސްވުމަކީ ގާނޫނުއަސާސީއާ ޚިލާފު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުން ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
ރަސްމާލޭގައި ”މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ“ ގެ ނަމުގައި ބޮޑު މަޝްރޫއެއް ހިންގުމަށް ސަރުކާރުން ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާއެކު ކޮމާޝަލް ޓާމްސް އެގްރީމަންޓެއްގައި ސޮއިކުރީ މިދިޔަ ހަފްތާގައެވެ. މި މަޝްރޫއުގެ ދަށުން ރަސްމާލެއިން 500 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ކުއްޔަށް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، މި އެއްބަސްވުމާ ގުޅިގެން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުންނާއި އާންމުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.
މި މައްސަލައާ ގުޅިގެން ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ، ގާނޫނުއަސާސީއާ ޚިލާފަށް ބޭރުގެ ކުންފުންޏަކަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ހުއްޓުވުމަށްޓަކައި އެ މައްސަލަ މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ބަޔާންކޮށްފައިވަނީ، ރަސްމާލޭން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް 99 އަހަރުގެ މުއްދަތަކަށް ދޭން ސަރުކާރުން ނިންމާފައި ވަނީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ސަރީހަކޮށް ހިލާފަށް ކަމަށެވެ. އެހެންކަމުން، މި މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން، އީގަލް ހިލްސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސައިލުމުގެ ވަގުތީ އަމުރަކަށް ވަނީ އެދިފައެވެ.
މީގެ އިތުރުން، އެ އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ ބިމުގެ އެއްވެސް ބައެއްގެ މައްޗަށް އީގަލް ހިލްސް އަދި ތިންވަނަ ފަރާތެއްގެ އެއްވެސް ހައްގެއް ނުވަތަ މަސްލަހަތެއް އުފަންވާނެ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ވަނީ އެދިފައެވެ.





