ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ ނަމުގައި ބޭރު ފައިސާ ގަނެވިއްކާ ކުންފުންޏެއް އުފައްދަވާފައިވާކަން އޭނާގެ އެންމެ ފަހުގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މެންބަރުންގެ މާލީ ބަޔާނުން ދައްކާ ގޮތުގައި، ފާއިތުވި އަހަރުގެ ތެރޭގައި ފަލާހު ވަނީ އަލަށް ދެ ކުންފުންޏެއް ރަޖިސްޓްރީ ކުރައްވާފަ އެވެ. އެއީ މަނީ އެކްސްޗޭންޖް ވިޔަފާރި ކުރުމަށް އުފެއްދި ”ސަން ކަރަންސީ އެކްސްޗޭންޖް“ ގެ އިތުރުން ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ހާއްސަ ”ސަން ކްރަފްޓް ކޮންސްޓްރަކްޝަން“ އެވެ. މި ދެ ކުންފުނީގެ ވެސް 90 ޕަސެންޓް ހިއްސާ އޮންނަނީ ފަލާހުގެ ނަމުގަ އެވެ. މީގެ އިތުރުން ވެސް އޭނާގެ ހިއްސާ އޮންނަ އިތުރު ތިން ކުންފުންޏެއް އޮތް ކަމަށް ބަޔާނުގައިވެ އެވެ.
އާމްދަނީގެ ތަފްސީލަށް ބަލާއިރު، މަޖިލިސް މެންބަރެއްގެ ގޮތުގައި މުސާރައާއި އިނާޔަތުގެ ގޮތުގައި ފަލާހަށް 990،000 ރުފިޔާ ލިބިވަޑައިގެންނެވި އެވެ. އަދި އޭނާ ކުރައްވާ ވިޔަފާރިތަކުގެ ފައިދާގެ ގޮތުގައި 1.8 މިލިއަން ރުފިޔާ އަދި އެކި ތަންތަނުގެ ކުލީގެ ގޮތުގައި 2.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 15 މިލިއަން ރުފިޔާގެ ލޯނެއް ވެސް މިދިޔަ އަހަރު އޭނާ ވަނީ ނަންގަވާފަ އެވެ.
މުދަލުގެ ތަފްސީލަށް ބަލާއިރު، ފަލާހުގެ މިލްކިއްޔާތުގައި އަގުބޮޑު ފަސް ބިމެއް އެބައޮތެވެ. އޭގެ ތެރޭގައި ހުޅުމާލެއިން 21 މިލިއަން ރުފިޔާއަށް ބައްލަވައިގެންނެވި ބިމަކާއި، މާލެއިން ގަނެފައިވާ މ. އަސުރުކުރި ހިމެނެ އެވެ. އަދި އޭނާގެ އުފަން ރަށް، ރ. އިންނަމާދޫގައިވާ ފަލަކް، ފަތް އަދި އަސުރުހިޔާ މި ތިން ބިން ވެސް އޮތީ އޭނާގެ ނަމުގަ އެވެ.





