ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލަތަކުގެ އަޑުއެހުންތައް ނުބާއްވާތާ އަހަރެއްހާ ދުވަސް ވޭތުވެދިޔުމަށްފަހު، އެ މައްސަލަތަކުގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި އަލުން ފަށައިފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެކެވެ. މި އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ތާވަލުކުރެވުނު އަޑުއެހުމެކެވެ.
ވ. އާރަށު މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން މެދުކަނޑާލަން ޖެހުނީ، އެ މައްސަލަ އަލުން ބަލާއިރު ދައުލަތުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަތުމަށް ހައި ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ. އެ މައްސަލަ ނިންމައި ސުޕްރީމް ކޯޓުން މިދިޔަ ޖުލައި މަހު ހުކުމްކޮށްފައިވަނީ، ހައި ކޯޓުން ނިންމި ފަދައިން އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ. ދައުލަތުން ހުށަހަޅަން އުޅުނު އެ ހެކިތަކުގެ ތެރޭގައި ޔާމީންގެ ދިފާއީ ހެކިވެރިއެއް ކަމަށްވާ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ އެމްއެންޑީއެފް ހާޒިރީ ރެކޯޑުތަކާއި، އިކޮނޮމިކް ޔޫތު ކައުންސިލްގެ ޖަލްސާތަކެއްގެ ޔައުމިއްޔާ ހިމެނެއެވެ.
މީގެ އިތުރުން، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް ވެސް މިއަދަށް ތާވަލުކުރިއެވެ. ނަމަވެސް، ދައުލަތުގެ ވަކީލުން އާލާސްކަންފުޅާ އުޅުއްވާތީ އެ މައްސަލައިގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.





