ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކުން ލިބުނު ފައިސާކަން ކަށަވަރުކޮށްދިނުމަށް، ދައުލަތުގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުން ހިމެނޭހެން ހަތަރު މީހެއްގެ ނަން ޔާމީންގެ ފަރާތްޕުޅުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅުވައިގެން ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުންތައް އަހަރެއްހާ ދުވަހަށްފަހު މިއަދު އަލުން ފެށިއިރު، އެމަނިކުފާނުގެ ދިފާއީ ހެކިންގެ ގޮތުގައި ނަން ފޮނުވާފައިވަނީ:
- ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަދި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް
- ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް
- ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)
- އަބްދުﷲ ރަޝީދު ކިޔާ އާންމު ފަރުދެއް
މި ހަތަރު ހެކިންގެ އިތުރުން، އެ ފައިސާއަކީ ސައްހަ ގޮތުގައި ޑޮލަރު މާރުކުރުމަށް ހިންގި މުއާމަލާތެއްކަން ސާބިތުކުރުމުގެ ގޮތުން ކަމާގުޅޭ ލިޔެކިޔުންތަކެއް ވެސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން އާރަށް ކުއްޔަށް ދިނުމުގައި ލިބުނު ރިޝްވަތު ލޯންޑާކުރި ކަމަށް ބުނެ، މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައަޅާފައެވެ. ނަމަވެސް އެ ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފައެވެ.
މިއަދު ކުރިއަށްދިޔަ އަޑުއެހުމަކީ އެ އަމުރާ އެއްގޮތަށް، އާރަށު މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން ފަށައިގެން ބޭއްވި އަޑުއެހުމެކެވެ.





