ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ހުތުރު ތުހުމަތުތަކެއްކޮށް ”އަދަދު“ ނޫހުން ނެރުނު ޑޮކިއުމެންޓްރީގެ މައްސަލައިގައި، މި ސަރުކާރުގެ ކުރީގެ ސިޔާސީ ބައެއް މަގާމުތައް ފުރާފައިވާ އީޝާ އަޝްރަފްގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ކޯޓުގެ ބީ1 ސެކްޝަންގައެވެ. އެ ސެކްޝަން ހިންގަވަނީ ގާޒީ އިބްރާހީމް ޒިހުނީއެވެ.
މި ޑޮކިއުމަންޓަރީގެ ތަހުގީގާ ގުޅިގެން އީޝާ މީގެ ކުރިން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ރާއްޖެއިން ފުރުންވެސް ވަނީ މަނާކޮށްފައެވެ.
މީގެއިތުރުން، އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށްވެސް ވަނީ ގަޒުފުގެ ދައުވާ އުފުލައި، އެ ދެ މީހުންގެ ޕާސްޕޯޓުވެސް ހިފަހައްޓައިފައެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް ”ގެގް“ އަމުރެއް ވެސް ނެރެފައެވެ. އަދި އެ އަމުރާ ހިލާފުވި ކަމަށް ބުނެ، އަދަދު ނޫހުގެ ދެ ނޫސްވެރިޔަކު ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި، މީގެކުރިން ޖަލަށްވެސް ލާފައިވެއެވެ.





