ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބޯޓު ކޯސްޓްގާޑް ޝިޕް ”ޢިމާދުއްދީން“ ގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހއ. ތުރާކުނުގެ ހުޅަނގުއުތުރުން 46 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އިއްޔެ ހަވީރު 18:34 ހާއިރުއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މި ބޯޓު އަތުލައިގަތް ވަގުތު އޭގައި 7 މީހުން ތިއްބެވެ. މި ބޯޓަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ހުއްދައެއް ނެތި ވަދެ، މަސްވެރިކަން ކުރަމުން ދިޔަ ބޯޓެއް ކަމަށް ބެލެވެއެވެ.
ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނު މި މަސްބޯޓު، އިތުރަށް ބަލައި ފާސްކުރުމަށާއި ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި މިހާރު ހދ. ކުޅުދުއްފުށްޓަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.





