މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ގުޅިގެން އެކުލަވާލެއްވި ”ބޮޑު ބަދަލު“ ސިޔާސަތުތަކަށް އެ ޕާޓީގެ ކޮންގްރެސްއިން މިއަދު ފުރިހަމަ ރުހުން ދީ، އެ ކަރުދާސް ފާސްކޮށްފިއެވެ.
މި ކަރުދާސް އެމްޑީޕީގެ ކޮންގްރެސްއިން ފާސްކޮށްފައިވަނީ، ޖަލްސާގައި ބައިވެރިވި 520 މަންދޫބުންގެ އިއްތިފާގު ވޯޓުންނެވެ.
މި އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހު އިއުލާންކުރި މި މެނިފެސްޓޯގެ މައިގަނޑު ބޭނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކަންކަން އިސްލާހުކޮށް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ސަރުކާރު ފުރިހަމައަށް ޖަވާބުދާރީ ކުރުވުމެވެ.
ފައްޔާޒް އިސްމާއީލް ހުށަހެޅުއްވި މި ކަރުދާހުގައި ހިމެނޭ މުހިންމު އިސްލާހީ ބަދަލުތަކުގެ ތެރޭގައި:
- ޤާނޫނުއަސާސީ އިސްލާހު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ހިމެނޭ ޚާއްސަ މަޖިލީހަކުން ކަމަށް ކަނޑައެޅުން.
- އިންތިޚާބު ކުރާ ކޮންމެ މަގާމެއްގައި ހުންނަ މީހަކު ވެސް މަގާމުން ވަކިކުރުމުގެ ބާރު، އެ މީހަކު އިންތިޚާބު ކުރި ރައްޔިތުންނަށް ދިނުން (ރީކޯލް ވޯޓު ތައާރަފުކުރުން).
- ދާއިމީ އެޑްރެހުގެ ބަދަލުގައި އެ މީހަކު ދިރިއުޅޭ ރަށެއް ނުވަތަ ސަރަހައްދެއްގެ ކައުންސިލަށް ވޯޓު ދެވޭ ގޮތަށް ހަމަޖެއްސުން.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާނޭހެން ވަކި އަދަދަކަށް ލިމިޓް ކުރުން.
- ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ އާންމު ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ހެދުން.
- ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން މުޅިން އަލުން ބަދަލުކުރުން.
- ރައްޔިތުންގެ ސީދާ ވޯޓުން ހޮވާ ސަރުކާރުގެ އިސްވެރިއެއްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން އިންތިޚާބުކުރާ ދައުލަތުގެ އިސްވެރިއަކު ހުންނަ ގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުން.
މި ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އެމްޑީޕީން މީގެކުރިން ވަނީ ”ބޮޑު ބަދަލު“ ގެ ނަމުގައި ޚާއްސަ އޮފީހެއް ވެސް ގާއިމުކޮށްފައެވެ. އަދި އެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޙަސަން ލަޠީފު ވަނީ ހަމަޖައްސަވާފައެވެ.
މި ކަރުދާސް ކޮންގްރެސްއިން ފާސްވުމާއެކު، ކުރިއަށް އޮތް ތަނުގައި މި އިސްލާހީ ބަދަލުތައް ގެނައުމަށްޓަކައި ގާނޫނީ އަދި ސިޔާސީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އެމްޑީޕީން ފަށާނެ ކަމަށް އެ ޕާޓީން ބުނެއެވެ.





