މެލޭޝިއާގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ދެ ކާރު ޖެހިގެން ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެން ދަރިވަރެކެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ އެ ދަރިވަރު ގްރެބް އެޕްލިކޭޝަން މެދުވެރިކޮށް ހޯދި ޓެކްސީއެއްގައި ގެއަށް ދިޔަ މަގުމަތީގައެވެ.
މި އެކްސިޑެންޓުގައި ނިޔާވި ދަރިވަރުގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، ހާދިސާ ހިނގި ވަގުތު އެ ކާރުގައި އިތުރު ދިވެހި ދަރިވަރަކު ވެސް އިނެވެ. އަދި އެ ދަރިވަރުގެ ފަޔަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެކްސިޑެންޓް ހިނގި ވަގުތުން ފެށިގެން ދެ ދަރިވަރުންވެސް ވަނީ އިތުރު ފަރުވާއަށް ޕުޗޮންގްގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. ނަމަވެސް، ލިބުނު ބޮޑެތި ގެއްލުންތަކަށް ފަރުވާ ދެމުންދަނިކޮށް، 21 އަހަރުގެ ދަރިވަރު ވަނީ ނިޔާވެފައެވެ.
މެލޭޝިއާއަކީ މަތީ ތައުލީމު ހާސިލުކުރުމަށް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންނާއި އާއިލާތައް ދިރިއުޅެމުން އަންނަ ގައުމެކެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން މެލޭޝިއާގައި ތިބި ދިވެހި ކޮމިއުނިޓީއަށް ވަނީ ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައެވެ.





