އެއްވެސް މަސައްކަތެއް ނުވަތަ ވަޒީފާއެއް އަދާނުކޮށް، ގިނަ އަދަދެއްގެ ޒުވާނުން ކުއްލިއަކަށް މުއްސަނދިވަމުންދާ މައްސަލަ ބެލޭނެ ހަރުދަނާ ނިޒާމެއް ދައުލަތުގައި އޮންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
މެންބަރު މިހެން ވިދާޅުވީ، ނުޙައްޤުން މުދާ ހޯދައި ޖަމާކުރުން ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ޙަލާލު ގޮތުގައި ފައިސާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް، އެއްވެސް މަސައްކަތެއް ނުކުރާ ޒުވާނުންނާއި، ގްރޭޑް 10 ނިންމާލާފައި ތިބޭ ބައެއް ކުދިންގެ އަތުގައި އަގުބޮޑެތި ޒަމާނީ ކާރުތަކާއި ބޮޑެތި މުދާ ހުންނައިރު، އެ ތަކެތި ހޯދި ގޮތެއް ދައުލަތަށް ބެލޭނެ ގޮތެއް މިހާރު ނެތުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމަކީ މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގު ކުށްތަކާ ގުޅިފައިވާ ކަންކަންތޯ ބަލައި ތަޙުޤީޤުކުރެވެން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަމައެކަނި މަޖިލިސް މެންބަރުންގެ މާލީ ބަޔާން ހުށަހެޅުމަކުން މި މައްސަލައަށް ދާއިމީ ޙައްލެއް ނުލިބޭނެކަން ފާހަގަކުރައްވަމުން އައިބީ ވިދާޅުވީ، ކޮންމެ ރައްޔިތަކުވެސް އެމީހަކު ހޯދާ މުދަލަކަށް ފުރިހަމައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އެގޮތުން އެމީހަކަށް ލިބޭ އާމްދަނީއާއި މުސާރައާ ނުބައްދަލު މިންވަރަކަށް ކުއްލި މުއްސަނދިކަމެއް ލިބިއްޖެނަމަ، އެ ފައިސާއެއް ހޯދި ޞައްޙަ ގޮތް ސާފުކޮށްދިނުން ލާޒިމުވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ދައުލަތުގެ އެކި ކުންފުނިތަކުން ހިންގާފައިވާ ކޮރަޕްޝަންތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ނާޖާއިޒު ގޮތުގައި މުދާ ހޯދާފައިވާނަމަ އެއީ ވަޒީރެއް، ރައީސުލްޖުމްހޫރިއްޔާއެއް ނުވަތަ މަޖިލިސް މެންބަރެއް ކަމުގައި ވިޔަސް ފަސްޖެހުމެއް ނެތި އެ މައްސަލައެއް ބެލެންޖެހޭނެ ކަމަށެވެ. އަދި އެފްއޭއެމްގެ ކުރީގެ ރައީސްގެ އެޕާޓްމަންޓްތަކެއް ދައުލަތަށް ހިފެހެއްޓި ފަދައިން، ނުޙައްޤު މުއްސަނދިކަން ހޯދި ހުރިހާ ފަރާތްތަކާ މެދުވެސް ހަމަހަމަކަމާއެކު ޤާނޫނީ ފިޔަވަޅު އެޅެންވާނެ ކަމަށް ވިދާޅުވިއެވެ.
އިބްރާހިމް ދީދީގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މި ބިލަކީ ޤައުމާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ސަރުކާރުން އަޅާ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އެހެންކަމުން، ސިޔާސީ ފާޑުކިޔުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު އިސްކޮށްގެން މިފަދަ މުހިންމު ޤާނޫނުތައް ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުންވެސް ފުރިހަމަ އެއްބާރުލުން ދެއްވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.





