ހުޅުމާލޭ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދެ ސައިކަލެއް ޖެހިގެންނެވެ. ރޭ ދަންވަރު ހިނގި މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލު ސީރިއަސްވި ތިން މީހުން މިހާރު ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި އަނިޔާވި އަނެއް ދެ މީހުންނަށްވެސް އިތުރު ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.





