ހުއްދަނެތި ބޭންކިންގ ޚިދުމަތް ދިނުމާއި، ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލަތަކަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޓާސްކް ފޯސް ބައިވެރިވެގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ފަށާފައިވަނީ މި ހިނގާ އަންގާރަ ދުވަހުއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން އަންގާރަ ދުވަހު 4 ބިދޭސީއަކާއި ދިވެއްސަކު ބަލައިފާސްކޮށްފައިވާ ކަމަށާއި، މީގެ އިތުރުން ފިހާރައަކާއި ބިދޭސީއަކު ދިރިއުޅޭ ތަނެއްވެސް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ، މިކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ޤާނޫނާ ޚިލާފަށް ވިޔަފާރި އުޞޫލުން ބޭރު ފައިސާ މާރުކުރުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ފުލުހުން ވަނީ ޚާއްސަ ޓާސްކްފޯސްއެއް އެކުލަވާލައި، އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފައެވެ.
އެގޮތުން، ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަން ނަންބަރު 9388733 އަށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް މަޢުލޫމާތު ފޮނުވޭނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ މި ފިޔަވަޅުތަކަކީ ބޭރުފައިސާއާ ބެހޭ ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން އަޅަމުން އަންނަ ޚާއްސަ ފިޔަވަޅުތަކެކެވެ. ޤާނޫނަށް ގެނައި މި އިސްލާހާއެކު، އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި، ޑޮލަރު މާރުކުރުމަށް އިޝްތިހާރު ކުރުމަކީ މިހާރު ކުށެކެވެ. އަދި ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭނީ އެމްއެމްއޭއިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އެކަނި ކަމަށްވެސް އެ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.





