ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީއެއް ކަމަށްވާ މޫޑީސް އިންވެސްޓާސް ސާވިސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ’ސީ.އޭ.އޭ-2‘ އިން ’ސީ.އޭ.އޭ-1‘ އަށް މަތިކޮށް، ރާއްޖޭގެ ރޭޓިންގްގެ އައުޓްލުކް ’ސްޓޭބަލް‘ ނުވަތަ ހަމަޖެހޭ ފެންވަރެއްގައި ހުރިކަމަށް ކަނޑައަޅައިފިއެވެ.
މޫޑީސް އިން ރާއްޖޭގެ ރޭޓިން މަތިކުރަން ނިންމި މައިގަނޑު ސަބަބަކީ، ރާއްޖެއިން ދަރަނި އަދާކުރުމުގައި ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާއި، މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ކުރު މުއްދަތުގެ ތެރޭގައި ދަރަނި ނުދެއްކިދާނެ ކަމަށް ކުރިން އޮތް ނުރައްކާ މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ރޭޓިން މަތިވުމުގައި މުހިންމު ދައުރެއް އަދާކުރީ ދަރަނި އަދާކުރުމަށް ސަރުކާރުން ކުރި ކާމިޔާބު މަސައްކަތްތަކެވެ. އެގޮތުން މިއަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކައި ހަލާސްކުރުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައި ނިންމުން ހިމެނެއެވެ. މީގެއިތުރުން، މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްތައް ދައްކާފައިވާއިރު، 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑެއް ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރަށް އިތުރުކުރެވުމަކީވެސް ކުރިއަށް އޮތް މުސްތަގުބަލުގައި ދަރަނި ދެއްކުމަށް އޮތް ތާށިކަން ކުޑަވެގެންދިޔަ މުހިންމު ސަބަބެކެވެ.
ފިނޭންސް މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ރާއްޖޭގެ ރަސްމީ ބޭރު ފައިސާގެ ރިޒާވް ވަރުގަދަވުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވުނު ފައިސާ އިތުރުވެފައިވާކަން މޫޑީސް އިން ވަނީ ފާހަގަކޮށްފައެވެ. އަދި ބޭރުގެ މާލީ އިދާރާތަކާއި އަވަށްޓެރި ގައުމުތަކުން ރާއްޖެއަށް މާލީ އެހީތެރިކަން ލިބޭނެ ކަމުގެ އިތުބާރު އޮތްކަމާއި، މި ހުރިހާ ކުރިއެރުންތަކެއް ހާސިލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅައި ތަންފީޒުކުރަމުންދާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް މޫޑީސް އިން ގަބޫލުކުރެއެވެ.
ހަމައެއާއެކު، 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ތަންފީޒުކުރަން ފެށި ބޭރު ފައިސާއާ ގުޅޭ އައު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިންގ ނިޒާމަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އިތުރަށް ބޮޑުވެގެން ގޮސްފައިވާ ކަމަށްވެސް ފިނޭންސްގެ ބަޔާނުގައި ވެއެވެ. މި ބަދަލުތަކާއި ދަރަނި ދެއްކުމުގެ ހޭދަ ކުޑަވުމަކީ ރާއްޖޭގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށް ލިބުނު ބޮޑު ޔަގީންކަމެކެވެ.
ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރުގެ އެހީ ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު ހޯދާފައެވެ.
ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އިތުރުން ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވެދާނެ އިގްތިސާދީ ގޮންޖެހުންތަކަށް ސަރުކާރުން ފާރަވެރިވަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ރައްކާތެރިކުރުމަށާއި، ގައުމުގެ އިގްތިސާދީ ހަރަކާތްތަކަށް އެހީތެރިވުމުގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ފާސްކޮށްފައިވާ ބަޖެޓުގެ ތެރޭގައި ހިފެހެއްޓުމަކީ ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތް ކަމުގައި އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.





