ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރިންތަކެއް ހިމެނޭހެން ވިލިމާލެއިން އިއްޔެ ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދިޔަ މި ހާއްސަ އޮޕަރޭޝަނުގައި ވިލިމާލެއިން ހައްޔަރުކޮށްފައިވަނީ ފިލްމީ ތަރި އަހުމަދު އަޒްމީލް (އަޒޭ) އާއި، އިސްމާއިލް ޖުމައިހް (ޖުމާ) ގެ އިތުރުން މުހައްމަދު ވިޝާލް (ރޯމަން) އެވެ. މި މީހުންގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ އަޒްމީލުގެ ކޮއްކޮއެއް ކަމަށްވާ ޝާހިލު މުހައްމަދެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ވާގޮތުން، މި ހަތަރު މީހުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރާ ކަމުގެ ތުހުމަތެވެ.
މީގެއިތުރުން ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މީހުން ތިބި ކޮޓަރިއަށް ފުލުހުން ވަތްއިރު އެތަނުގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުއްޓެވެ. އަދި އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ވަގުތީ ބަރުދަނަށް ބަލާއިރު، އެއީ ޑްރަގް ޓްރެފިކިންގެ މިންގަނޑަށް އަރާ ވަރުގެ އަދަދެއް ކަމަށް ސީނަށް ދިޔަ ފުލުހުންނާ ހަވާލާދީ ބަންދު މަޖިލީހުގައި ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





