މާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބޮޑު އަދަދެއްގެ ފައިސާއާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު ވަނީ މި އޮޕަރޭޝަން ހިންގާފައެވެ. ކޯޓު އަމުރެއްގެ ދަށުން މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޅ.ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމް (23އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަނުގައި ދެ ސައިކަލާއި އެޕާޓްމަންޓެއް ބަލައިފާސްކުރެވިފައިވާ ކަމަށެވެ. ބަލައިފާސްކުރިއިރު، އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، ލައްކައަކަށްވުރެ ގިނަ ފައިސާ ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ. މި މައްސަލައާ ގުޅިގެން ބަލައިފާސްކުރި ދެ ސައިކަލް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޓޯވކޮށްފައެވެ.
ހައްޔަރުކުރި ހާރޫން ޖައިލަމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.





