ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތިން މީހުން އަރައިގެން ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި، ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ އެހެން މައްސަލައެއްގައި ކޯޓުން ބަންދުގެ މުއްދަތު ޖަހާފައި ވަނިކޮށް، އެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ، ކުށުގެ ބޮޑު ރެކޯޑެއް އޮތް މީހެއްކަން ހާމަވެއްޖެ އެވެ.
މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ކަމަށް އެނގިފައިވަނީ ހ. ލާމިޔާ، އަޙްމަދު އުވައިސް (22 އ) އެވެ.
އުވައިސްއަކީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. އެ މައްސަލައާ ގުޅިގެން ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިދީފަ އެވެ. ކޯޓުން ދިން އެ މުއްދަތު ހަމަވާނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހަށެވެ. ނަމަވެސް، އެ މުއްދަތު ހަމަނުވަނީސް އޭނާ މުޖުތަމައުގެ ތެރެއަށް ދޫވެފައި ހުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
އުވައިސްގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާއަކީ މީގެ ކުރިން ވެސް ނުރައްކާތެރި އެތައް ކުށެއްގެ ރެކޯޑް އޮންނަ މީހެކެވެ. އެގޮތުން 2022 ވަނަ އަހަރު ފުލުހުންގެ އޮފިސަރުންތަކަކަށް ހަމަލާދިން މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފައިވެ އެވެ. އަދި މިއަހަރުގެ ތެރޭގައި ހުޅުމާލޭ ހިޔާ ފްލެޓަކުން އަންހެނަކު ރޮއި އެހީއަށް އެދި ހަޅޭއްލަވާ އަޑު އިވިގެން އާންމުން ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުން އެ އެޕާޓްމަންޓަށް ވަދެ ހައްޔަރުކުރި މީހުންގެ ތެރޭގައި ވެސް އުވައިސް ހިމެނެ އެވެ. މީގެ އިތުރުން ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވެދިން ކަމުގެ ތުހުމަތުގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
އުވައިސް އިތުރު ދެ މީހަކު ސައިކަލަށް އަރުވައިގެން، ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ހާލު ސީރިއަސްވި ދެ މީހަކަށް މިހާރު ވެސް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން އަޅަމުންދާ ފިޔަވަޅުތަކާއި، ބަންދުގައި ހުންނަންޖެހޭ މީހަކު މުޖުތަމައުގެ ތެރޭގައި އުޅެނިކޮށް މިފަދަ ހާދިސާއެއް ހިނގަން މެދުވެރިވި ގޮތް ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





