މާލެތެރެއަށް ގިނަ އަދަދެއްގެ ބަނގުރާ ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި، ހ. މާދޫގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް ފުލުހުން މިއަދު އަތުލައިގެންފިއެވެ. މި އޮޕަރޭޝަނާ ގުޅިގެން ދެ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (DED) އިން ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހ. މާދޫގެއަށް ވަދެ، އެ ގޭގެ ފުރަތަމަ ފްލޯ އާއި ފަސް ވަނަ ފްލޯ ވަނީ ބަލައި ފާސްކޮށްފައެވެ. ފުލުހުން ބުނީ މިއީ ބަނގުރަލުގެ މައްސަލައެއްގައި އެ ގެ ބަލައި ފާސްކުރި ފުރަތަމަ ފަހަރު ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މާދޫގޭ ކައިރީގައި މީގެ އިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ، މާލެތެރެއަށް ފުޅާ ދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުން އަންނަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮޕަރޭޝަން ހިންގުނީ ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފަހު، ފުލުހުން ވަނީ އަތުލައިގަތް ބަނގުރަލުގެ ބާވަތްތައް ނޫސްވެރިންނަށް ދައްކާލާފައެވެ. އެގޮތުން، އެ ގޭގެ ފުރަތަމަ ފްލޯގައި ގިނަ އަދަދެއްގެ ބަނގުރާ ކޭސްތައް ހުރިއިރު، އެކި ބްރޭންޑުގެ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތައް ފެނިފައިވެއެވެ. ފުލުހުން ބުނީ، އެ ގޭގެ ފަސްވަނަ ފްލޯއިންވެސް ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅިގެން ހައްޔަރުކުރި ދެ ބިދޭސީންނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ވަނީ މާލެތެރޭގައާއި އަދި ރަށްރަށުގައި ބަނގުރާ ގެންގުޅެ، ވިޔަފާރި ކުރަމުންދާ ފަރާތްތައް ދެނެގަތުމަށްޓަކައި އާންމުންގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ބުނެފައެވެ. މިފަދަ މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންނަށް އަންގަން އެދިފައިވެއެވެ. މި އޮޕަރޭޝަން މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.





