ހުއްދަނެތި އަދި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ހިންގަމުންދިޔަ ބަންގްލަދޭޝްގެ ތިން މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އާމިރު ހުސައިން، އެމްޑީ މީޒާނުއްރަހްމާން އަދި ސިރާޒް ހާން ކަމަށެވެ. އެ ތިން މީހުންނަކީ ވެސް ބަންގްލަދޭޝް ރައްޔިތުންނެވެ.
މި މީހުން އަތުލައިގަނެފައިވަނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި އެ ތިން މީހުންނާ މެދު އަޅާނެ ގާނޫނީ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޚާއްސަ ޓާސްކްފޯސްއާ މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އެ ނަންބަރަށް އާދައިގެ އެސްއެމްއެސްގެ އިތުރުން ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މައުލޫމާތު ފޮނުވޭނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މިފަދަ މައްސަލަތައް ހުއްޓުވުމަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.





