އއ. މާޅޮސް، އޯކިޑުމާގެ، އަބްދުއް ރަހްމާން އާދަމް (65އ) ގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދު (27އ) ގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި އެވެ. މިގޮތަށް ބަންދަށް އިތުރުކުރަން ކޯޓުން އަމުރުކުރީ އަންގާރަ ދުވަހު އެވެ.
މި މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ތިން މީހަކު ހައްޔަރުކޮށްފައި ވެއެވެ. އެއީ އަހުމަދު އާޝިދުގެ އިތުރުން އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިޝާމް (22އ) އާއި އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސް (27އ) އެވެ. އާޝިދުގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވާތީ އޭނާ ކޯޓަށް ހާޒިރުކުރުމުން، ތަހުގީގަށް ބޭނުންވާކަމަށް ފުލުހުން ބުނުމުން އިތުރު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ އެވެ.
މީގެ ކުރިން، އަބްދުއް ރަހްމާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ވިޝާމް އާއި އަހުމަދު ފާރިޝް ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
އަބްދުއް ރަހްމާން މަރުވީ އޭނާ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުންނެވެ. އޭނާއަށް ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.
މި މަރުގެ ތަހުގީގުގައި ފުލުހުން ވަނީ އަބްދުއް ރަހްމާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްވެސް ހަދާފަ އެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި، ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކަނީ އޭނާ މަރުވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.





