އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑިސީ) އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު، އެ ޕާޓީގެ މެންބަރުންނަށް ހުޅުވާލައިފި އެވެ.
އެމްޑީޕީން ހާމަކުރެއްވި ގޮތުގައި، ލޯކަލް ކައުންސިލް އަދި ޑަބްލިޔުޑިސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާނެ ކަމަށް އެ ޕާޓީން ބުނެއެވެ.
އެމްޑީޕީން އިތުރަށް ބުނީ، ޕްރައިމަރީގައި ވާދަކުރެވޭނީ މިހާރު ހުޅުވާލެވިފައިވާ ފުރުސަތުގައި ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހުންނަށް ކަމަށެވެ. އަދި ޕްރައިމަރީގެ ޓައިމްލައިން ފަހުން އިއުލާނުކުރާނެ ކަމަށްވެސް އެ ޕާޓީން މައުލޫމާތު ދެއްވިއެވެ.
މި ފުރުސަތުގައި ޝައުޤުވެރިކަން ފާޅުކުރާ މީހުންނަށް އަންނަނިވި ޝަރުތުތައް ހަމަވާންޖެހޭނެ ކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.
- އެމްޑީޕީގެ މެންބަރެއް ކަމުގައިވުން.
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން.
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން.
އެމްޑީޕީން ވަނީ އެ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުޤުވެރިވާ މީހުން ގޫގުލް ފޯމް މެދުވެރިކޮށް ޝައުޤުވެރިކަން ފާޅުކުރުމަށް އެދިފަ އެވެ. މީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް، އެ އިދާރާއިން ސާފުކޮށް ފުރިހަމަކުރުމަށްފަހު ޝައުޤުވެރިކަން ފާޅުކުރާ ފޯމާއި އެކު ހުށަހެޅުމަށްވެސް އެމްޑީޕީން އެދިފައިވެ އެވެ.





