ބައެއް ނޫސްވެރިންނަށް ”އުލުބައިންދަން“ ޖެހޭ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ) ގެ ލީޑަރު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ގޮވާލެއްވި މައްސަލަ ތަހުގީގުކުރުމަށް ޓަކައި ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ފަލާހު މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައަކާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ ކަމަށެވެ.
ފަލާހް މި ވާހަކަ ދެއްކެވީ މީޑިއާ ކޮންޓްރޯލްކުރާ ބިލަށް ބަހުސްކުރައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ”ނޫސްވެރިން އުލުބައިންދަންވީ“ ކަމަށެވެ. އެއީ އަނިޔާވެރި ގޮތުގައި މަރުގެ އަދަބު ދިނުމަށް ގޮވާލެއްވުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ނޫސްވެރިންނަށް މަރުގެ އަދަބު ދޭން ފަލާހު ގޮވައިލެއްވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، އެމްޖޭއޭއިން ވަނީ އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައެވެ. އެ ޖަމިއްޔާއިންވަނީ ފަލާހްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން އެދިފައެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ވެސް ނޫސްވެރިން ވަނީ ’މީޑިއާ ކޮންޓްރޯލް‘ ބިލާ ގުޅިގެން އިހުތިޖާޖުކުރަން ރައީސް އޮފީސް ސަރަހައްދަށް އެއްވެފައެވެ. އެ އިހުތިޖާޖުގެ ކުރިއަށްދަނިކޮށް، އޮފީސް ނިންމަވައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެކޮޅަށް ވަޑައިގަންނަވަން ރައީސް އޮފީހުން ނިކުމެވަޑައިގެންނެވި ވަގުތު ނޫސްވެރިން ވަނީ ރައީސް ގެކޮޅަށް ވަދެވަޑައިގަންނަވަންދެން ސުވާލުކުރަމުން ފަހަތުން ގޮސްފައެވެ.
ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން ތަކުރާރުކޮށް އެތައް ނޫސްވެރިންނެއް ސުވާލުކުރުމުން ރައީސް ވިދާޅުވީ، ”އަޅުގަނޑު އެކަން ބަލާނަން“ ކަމަށެވެ. އެއަށްފަހު އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ނޫސްވެރިންގެ ޖަމިއްޔާގެ މެންބަރުންނާ ރައީސް ބައްދަލުކުރެއްވިއިރު ވެސް ފަލާހް ދެއްކެވީ ”ވަރަށް ދެރަވަރު“ ވާހަކަފުޅެއް ކަމަށް ރައީސް ވިދާޅުވި ކަމަށް ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ވަނީ ބުނެފައެވެ.





