ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެފައިވަނީ، ފުލުހުންގެ ޔުނީފޯމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫން ކަމަށާއި، މިއީ މަސްއޫލިއްޔަތާއި ޒިންމާތަކާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން ކަމަށެވެ. ސީޕީ އިސްމާއިލް ނަވީން މިހެން ވިދާޅުވީ، 40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވަނީ، ފުލުހުންގެ އަސާސީ ތަމްރީން ކޯހުން ދަސްވެނިވުމަކީ ފުލުހުންގެ ދަތުރުގެ ފެށުންކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މި ތަމްރީން ފުރިހަމަކުރި ބައިވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ކުރުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. ފުލުހުންނަކީ އަބަދުވެސް ގާނޫނުތަކާއި ގަވައިދުތަކަށް ބޯލަނބާ ބަޔަކަށް ވާންޖެހޭނެކަމަށް ސީޕީ ނަވީން ވަނީ ހަނދާންކޮށްދެއްވާފައެވެ. އަދި ރައްޔިތުންގެ އިޙްތިރާމް ހޯދުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނެކަމަށާއި، އިންސާފުވެރިކަމާއި ލޯތްބާއިއެކު ޚިދުމަތްކުރަންވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސީޕީ ނަވީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ”މިއީ ތިޔަ ފުލުހުންގެ އަސްލު ދަތުރުގެ ފެށުން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ކުރުމަށް ތިޔަ ފުލުހުން މިހާރު މިވަނީ ތައްޔާރުވެފައި. ޔުނީފޯމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫން. މިއީ މަސްއޫލިއްޔަތާއި ޒިންމާއާއި އިތުބާރާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން. މި ނިޝާނަށް އަބަދުވެސް އިހްލާސްތެރިވާން ޖެހޭނެ. އަދި އަބަދުވެސް މިކަން ހަނދާންކުރަންވާނެ. ތިޔަ ފުލުހުންގެ މަސައްކަތްތަކުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ޕްރޮޕެޝަނަލްކަމާއި، ވަކި ފަރާތަކަށް ނުޖެހުމާއި އަދި އިންސާނީ ހައްގުތަކަށް އިހްތިރާމްކޮށް ރައްޔިތުން އިހްތިރާމްކުރާ ބަޔަކަށް ވާންޖެހޭނެ.“
ގަޑިއަށް ބޯލެނބުމަކީ ދިވެހި ފުލުހުންގެ ހުންނަންޖެހޭ ވަރަށް މުހިންމު ސިފައެއްކަމަށް ސީޕީ ނަވީން ފާހަގަކުރައްވައި ވިދާޅުވިއެވެ. އަދި މި ތަމްރީން ފުރިހަމަކުރި ބައިވެރިން ވާންވާނީ ފުލުހުންގެ އިއްޒަތާއި ގަދަރު ހިފަހައްޓާ ބަޔަކަށްކަމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ. ފުލުހުންނަކީ މުޖްތަމައުގެ ބަލަދުވެރިންގެ ގޮތުގައި ސީޕީ ނަވީން ވަނީ ފާހަގަކުރައްވާފައެވެ.





