ޔަމަންގެ ވެރިރަށް ސަނާގައި އިސްރާއީލުން މިދިޔަ ބުރާސްފަތި ދުވަހު ދިން ވައިގެ ހަމަލާއެއްގައި، އެ ޤައުމުގެ ހޫތީ ސަރުކާރުގެ ބޮޑުވަޒީރު އަހްމަދު އަލް-ރަހާވީ އާއި އެތައް ވަޒީރަކު އަވަހާރަވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ދިން ވައިގެ ހަމަލާގައި ބޮޑު ވަޒީރު އަވަހާރަވިކަން ހޫތީން ވަނީ ކަށަވަރުކޮށްދީފައެވެ. ހޫތީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަހްމަދު އަލް-ރަހާވީ އަވަހާރަކޮށްލާފައިވަނީ ސަނާގައި ދިން ހަމަލާއެއްގައި، އެހެން ބައެއް ވަޒީރުންނާ އެކު ކަމަށެވެ.
ހޫތީންގެ ބަޔާނުގައިވާ ގޮތުން، މި ހަމަލާ ދީފައިވަނީ ސަރުކާރުގެ މަސައްކަތްތަކާއި ފާއިތުވެދިޔަ އަހަރުގެ ކަންތައްތައް އިވެލުއޭޓް ކުރުމަށް ބޭއްވި އާންމު ވޯކްޝޮޕެއްގެ ތެރޭގައެވެ. އަލް-ރަހާވީ، 2024 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ހޫތީންގެ ސަރުކާރުގެ ބޮޑުވަޒީރެއްގެ މަގާމު ފުރުއްވަމުން ގެންދެވިއެވެ.
މި ހަމަލާ ދިނުމުގެ ސަބަބަކީ، ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ ގަތުލުއާންމާ ގުޅިގެން އިސްރާއީލަށް އަމާޒުކޮށް އެންމެ ވަރުގަދަ ހަމަލާތަކެއްދޭ އެއް ބަޔަކީ ޔަމަންގެ ބޮޑު ބައެއް ކޮންޓްރޯލްކޮށް، ވަކި ސަރުކާރެއް ހިންގަމުން އަންނަ ހޫތީ ހަނގުރާމަވެރިން ކަމަށް ވާތީއެވެ. ފަލަސްތީނު ރައްޔިތުންނާ އެކުގައި ތިބިކަން ހާމަކޮށް ގޮތުން، ހޫތީން ވަނީ އިސްރާއީލަށާއި ރަތް ކަނޑާއި ގަލްފު އޮފް އޭޑެންގައި ހަރަކާތްތެރިވާ ހުޅަނގުގެ އުޅަނދުތަކަށް ގިނަ ހަމަލާތައް ދީފައެވެ.
މިކަމުގެ ސަބަބުން، އިސްރާއީލުން ވަނީ ފާއިތުވި މަސްތަކުގައި ހޫތީންގެ ތަންތަނަށް ތަކުރާރުކޮށް ހަމަލާ ދީފައެވެ. ނަމަވެސް، ހޫތީން ބުނަމުންދަނީ ޔަމަނަށް އިސްރާއީލުން ދޭ ހަމަލާތަކުން އެ މީހުން ހިންގާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓުވައި ނުލެވޭނެ ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުރާސްފަތި ދުވަހު އެމީހުންގެ ސިފައިން ޔަމަންގެ ސަނާ ސަރަހައްދުގައި ހުންނަ ހޫތީންގެ އަސްކަރީ އަމާޒަކަށް ވެސް ހަމަލާ ދީފައިވާނެ ކަމަށެވެ.
މި ހަމަލާ ދީފައިވަނީ، ހަތަރު ދުވަސް ކުރިން ސަނާގައި އިސްރާއީލުން ދިން ހަމަލާތަކެއްގައި 10 މީހުން މަރުވެ، 90 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި ފަހުންނެވެ. ސިއްހީ އޮފިޝަލުން ބުނި ގޮތުގައި އެ ހަމަލާ ދީފައިވަނީ އާދިއްތަ ދުވަހުއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެ ދުވަހު އެމީހުން ވަނީ ރައީސްގެ ގަނޑުވަރުވެސް ހިމެނޭ ގޮތަށް ހޫތީންގެ އަސްކަރީ ތަންތަނަށް ހަމަލާ ދީފައެވެ.





