މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްޕޯޓްސް ފިޝިންގ އަށް ޚާއްސަކޮށްގެން ޖުމްލަ 10 ކަނދުފަތި އަޅާފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް އެޅި ކަނދުފަތިތަކުގެ ތެރޭގައި، ހަ ސަރަހައްދެއްގައި މުޅިން އަލަށް އެޅި ވަދު ކަނދުފަތި ހިމެނެއެވެ.
މީގެ އިތުރުން ކުރިން އަޅާފައިވާ ކަނދުފަތިތައް ކަނޑައިގެން ދިއުމުގެ ސަބަބުން ހަތަރު ސަރަހައްދެއްގައި ވަނީ ކަނދުފަތި އަޅައިފައެވެ.
ވުޒާރާއިން ބުނެފައިވަނީ ރަށްރަށުގެ ޒުވާނުންނާއި، ސީދާ ކައުންސިލްތަކުން ވެސް، އެ ރަށްރަށުގައި ވަދު ކަނދުފަތިތައް އަޅައިދިނުމަށް އެދެމުންދާ ކަމަށާއި، ވަކި އުސޫލެއްގެ ދަށުން، އެންމެ ފައިދާވާނެ ގޮތަށް ބަލައިގެން ރަށްރަށުގައި އަލަށް ވަދު ކަނދުފަތިއެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.
ވުޒާރާއިން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި އިތުރު ވަދު ކަނދުފަތިތައް ގާއިމުކުރުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ފަރުމަސްވެރިކަންކުރާ މަސްވެރިންނަށާއި، މަސްވެރިކަމުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ބޮޑެތި ފައިދާތައް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގައި ދެ ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެ ދެ ބާވަތަކީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ.
މި ސަރުކާރު އައި ފަހުން މުޅިން އަލަށް 22 އަށްވުރެ ގިނަ ކަނދުފަތި އަޅާފައިވާކަމަށް މަސްވެރިކަމާ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުން އަންނަނީ ރާއްޖޭގެ ދެ ސަރަހައްދެއްގައި ކަނދުފަތި ސެންޓަރު އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އެގޮތުން ށ.ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް ޑިސެމްބަރު މަހުގެ ކުރިން ފެށޭނެ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.





